ޕީޕީއެމް ދޫކޮށް މެންބަރުންތަކެއް ދިއުމުން ދެރަވާ ކަމަށާ ނަމަވެސް އެއީ މާބޮޑަށް ހައިރާންވާންވެވަޑައިގެންނެވި ކަމެއް ނޫން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެެވެ.

ކައުންސިލް އިންތިހާބަށް ޕީޕީއެމް އަދި ޕީއެންސީއަށް ތާއީދު ހޯދުމުގެ ގޮތުން މ. ދިއްގަރަށް މިއަދު ވަޑައިގެން އެރަށުގައި ދިރިއުޅޭ އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވިދާޅުވީ ޕާޓީދެކެ ލޯބިވާ މީހުން ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލިސް އިންތިހާބުގެ ތެރެއިން ފެނިވަޑައިގެން ގޮސްފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެޕާޓީގެ އިސް ސަފުގައި ތިބެން ޖެހޭނީ ވަރުގަދަ މެންބަރުންތަކެއް ކަމަށެވެ. ޕާޓީގެ އެންމެ ބޮޑު ރައުސުލްމާލަކަށް ވާންޖެހޭނީވެސް ޕާޓީގެ މެންބަރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މެންބަރުން ގިނަވެއްޖެ ނަމަ ކޮންމެ ޕާޓީއެއްގައިވެސް ހަމަޖެހުން އޮންނާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ މެންބަރުން މަދުވެގެންދާ ކަމަށް ވާނަމަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

"މެންބަރުން ގިނަ ވެއްޖެއްޔާ ޝައްކެއްނެތް އަބަދުވެސް ޕާޓީގެ އޮންނާނީ ބަހާރު މޫސުން. ނަމަވެސް މެންބަރުންތަކެއް މަދުވެގެންދާ ކަމަށް ވަންޏާ ހަރީފު މޫސުމާއި އަޅުގަނޑުމެން ކުރިމަތިލާނެ. އެކަމަކު ތަބިއްޔަތުގައި އޮންނަ ކަމެއް ނޫން އެއްވެސް ތަނަކަށް ބަހާރު މޫސުން އައުމަކީ. އެހެންނަމަވެސް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރަންޏާ ބަހާރު މޫސުމަކީ ކައިރި ކައިރީގައި ބައްދަލު ކުރާނެ މޫސުންކަމަށް އަޅުގަނޑުމެން ދެކޭނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންނަށް ހިދުމަތް ކުރަން ޖެހޭނީ ހަމައެކަނި މަތީ ފަޑީގައި ތިބޭ އިރަކު ނޫން ކަމަށާއި ރައްޔިތުން ބިކަވުމުން އިތުރަށް ސަފުތައް ވަރުގަދަ ކުރަން ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިއަދު ރައްޔިތުން އުޅެމުން ދިޔަ އުފާވެރި ކަމުން ހިތްދަތި ކަމަކަށް ބަދަލުވެގެން ދިޔައީ ސިޔާސީ ފަރާތްތަކުގެ އިހްލާސްތެރި ކަމެއް ނެތުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ރައްޔިތުން ބިކަވީމަ އަޅުގަނޑުމެންގެ ގައުމުން އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތައް ބިކަ ވެގެން ދާތީ އެކަން ބީވެގެން ނުދިނުމަށްޓަކައި މަސައްކަތް އިތުރަށް ވަރުގަދަ ވާންވީ. މިއަދު ހާލަތު ބަދަލުވީ އަޅުގަނޑުމެން ތެރޭގައި އިހްލާސްތެރިކަން ނެތީމަ ނޫންތޯ. މުޅި ރާއްޖެއަށް އަންނަ ތަރައްގީ ކުރާނީ އެކަން އަބަދަ ކުރަންތިބި މީހުންނެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ބަޔަކު ދެކެ ލޯބިވާނަމަ އެބަޔަކު ބޭނުންކަމެއް ކުރަން ދޯކޮށްލައްވާނެ ކަމަށެވެ. އަދި އެބަޔަކު އެނބުރި އެމީހުން ދޫކޮށްލި މީހުންގެ ގާތަށް އަންނަނީ ލޯތްބާއި ކުލުނު ހުރުމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.