ޕާކިސްތާނުގެ މިނިވަން ދުވަސް ނިމެން ގާތްވެފައި ވަނިކޮށް ރައީސް ސޯލިހު އެގައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސް ކުރެއްވުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި ރައީސް ސޯލިހު ފާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން އެދުވަހުގެ ތަހުނިޔާ، އެގައުމުގެ ޕްރައިމް މިނިސްޓަރު އިމްރާން ހާނަށް ދަންނަވައި ޓްވީޓް ކުރައްވާފައި ވެއެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓުގައިވަނީ ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން އެގައުމުގެ ޕްރައިމް މިނިސްޓަރަށާއި އެގައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފަ އެވެ. އަދި އެގައުމުގެ ސުލްހަ މަސަލަސްކަން ދަންމަވާ، އެގައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިންކަން އިތުރަށް އާލާކޮށް، އުފާފާގަތި ކަމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައި ވެއެވެ. އަދި ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ކުރިއަށް ވުރެން އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިިގެން ލަހުން ތަހުނިޔާ ދެންނެވުމުން އެކަމަށް ބައެއް މީހުންގެ ފާޑު ކިޔުންތައް އަމާޒުވެގެން ދިޔައެވެ. އެގޮތުން ރައީސް ކުރެއްވި ޓްވީޓަށް ކޮމެންޓް ކޮށްފައިވާ ބައެއް ފަރާތަތްތަކުން ވަނީ ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން ރައީސް ލަހުން ތަހުނިޔާ ދެންނެވުމުން އެކަމާއި ގުޅިގެން ސުވާލުތައް އުފައްދާފަ އެވެ. އަދި ބައެއް ފަރާތްތަކުން ކޮމެންޓު ކޮށް ބުނެފައިވަނީ ޕާކިސްތާނުގެ މިނިވަން ދުވަހު ތަހުނިޔާ ދެންނެވުން ލަސްކުރެއްވީ އިންޑިއާގެ ނުފޫޒާ ގުޅިގެން ކަމަށާ، އިންޑިޔާއިން ހުއްދަ ނުލިބިގެންތޯވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައި ވެއެވެ.

ރައީސް ސޯލިހު ވަނީ އިންޑިޔާގެ 73 ވަނަ މިނިވަން ދުވަހުގެ މުނާސާބަތާއި ގުޅިގެން މިއަދު ތަހުނިޔާ ދަންނަވާފައެވެ. ރައީސް ކުރެއްވި ޓްވީޓުގައި އިންޑިޔާގެ މިނިވަން ދުވަހާއި ގުޅިގެން އެގައުމުގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީއާއި، އެގައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިއްޔާ އަރިސްކުރައްވާފައި ވެއެވެ. އަދި އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮންނަނީ ގާތް ރަހުމަތްތެރި ގުޅުމެއްކަމަށް ފާހަގަ ކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އިންޑިޔާއާއި އެއްކޮށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރަށް ކުރީގެ ރައީސް، ރައީސް ނަޝީދުވަނީ މިއަދު އިންޑިޔާގެ މިނިވަން ދުވަހުގެ މުނާސާބާގައި ތަހުނިޔާ ދަންނަވާފައެވެ. ނަމަވެސް ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން އެފަދަ އެއްވެސް ޓްވީޓެއް ރައީސް ނަޝީދު ކުރައްވާފައެއް ނުވެއެވެ.