ފުވައްމުލައް ސިޓީގައި ކަރަންޓުގައި ޖެހިގެން ޒުވާނަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ރ،އަލިފުށީ، އަބަދަށް ހިޔާގެ އަބްދުﷲ ރިޝްދާން (27އ) ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ ރިޝްދާން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށެވެ.

އިތުރަށް ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ރިޝްދާން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ކޮންސްޓްރެކްޝަން މަސައްކަތްކުރާ ސައިޓެއްގައި ހަބަރު ހުސްވެގެން ވެއްޓިގެން ކަމަށެވެ. އަދި އޭނާގެ މޫނުމައްޗަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުން ރިޝްދާން އަކީ ފުވައްމުލައް ސިޓީ ފެނަކައިގައި މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.