ހުޅުމާލޭގައި ރޭ ހިންގި ހާއްސަ ޖޮއިންޓް އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު އެއް ގެއެއްގެ 2 މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ މ. އަލިހަވާ، ރާއިފް ޔޫސުފް (28 އަހަރު) އަދި ރާއިގް ޔޫސުފް (28 އަހަރު) އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމަށްފަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެޕާޓްމަންޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި އެހެނިހެން ބައެއް ތަކެތިކަމަށް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ ތެރޭގައި ފްލޭވާ ފުޅިތަކަކާއި ވީޑް ގްރައިންޑަރަކާއި ވޭޕްތަކާއި ކަޓަރެއް އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ރަބަރު ޕެކެޓްތައް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައި ވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް، ހުޅުމާލޭ ސްޕެޝަލް އެންފޯސްމަންޓް ޓީމް އަދި ފޭސް 1 އިންވެސްޓިގޭޝަން ގުޅިގެން ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.