ވަކި އުމުރު ފުރާއަކުން ފެށިގެން އުފަންވެފައިވާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމުގެ ބިލު މި މަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައި ފާސްކޮށް، ނޮވެމްބަރު މަހުން ފެށިގެން އެ ބިލަށް އަމަލު ކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއެކު ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ޕޮޑުކާސްޓުގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޖުމްލަ އާބާދީގެ 30 ޕަސެންޓަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިން ކަމަށެވެ. އެހެންކަމުން އެ އާބާދީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައި އާދައިން ދުރުކުރެވިއްޖެ ނަމަ ރާއްޖޭގެ މުސްތަގްބަލް ދުންފަތް ބޭނުން ކުރުމުން ސަލާމަތް ކުރެވޭނެ ކަމެއްގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވިއެވެ.
އަދި ކުރިއަށް އޮތްތަނުގައި އަންނަން އޮތް ޖީލުވެސް ދުންފަތުން ސަލާމަތްކޮށް ދުޅަހެޔޮ އާބާދިއަކާ އެކު ކުރިއަށް ދެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ބޭނުންފުޅު ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ދުންފަތް ބޭނުން ނުކުރާ ބަޔަކަށް ހެދުމަށް ވެސް ރައީސް ވިދާޅުވިއެވެ.
2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ ބިލު މިމަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައިސް ވިދާޅުވިއެވެ. އެ ބިލު މި މަހުގެ ތެރޭ ފާސްވެއްޖެ ނަމަ އެ ގާނޫނަށް އަމަލުކުރަން ނިންމަވާފައި ވަނީ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށް ރައިސް ވިދާޅުވިއެވެ.
އެގޮތުން މަޖީލީހުން އެ ބިލު ފާސްކުރާ ފަހުން 6 މަސް ދުވަހުގެ މުއްދަތެއް ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާފައި ތިބި މީހުން ދުރުވާން ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ސިޒޭޝަންގެ ތެރެއިން 3 މަސް ދުވަހުގެ ތެރޭގައި މި އާދައިން ދުރުވެވޭ ކަމަށާއި އެހެންކަމުން 6 މަހަކީ އެކަށީގެންވާ މުއްދަތެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.