މަގުމަތީގައި ހުރި ބިދޭސީ އަންހެނެއްގެ އަތްދަބަސް ފޭރިގަންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި މަގުމަތީގައި ހުއްޓިގެން ހުރި އަންހެނެއްގެ އަތުން އަތްދަބަސް ފޭރިގަނެގެން ދަނީ ބާރު ސްޕީޑުގައި ގޯޅިއެއްގެ ތެރެއިން ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ދެ ފިރިހެނުންނެވެ. އަދި އަތްދަބަސް ފޭރިގަތުމުން ވަކި ހިސާބަކަށް އެ އަންހެން މީހާ ދުވެފައި ދިޔަ ނަމަވެސް ގޯޅިތެރެއިން ދެމިގަނެގެން ދިޔަ ސައިކަލު އަތުޖެހޭ ގޮތް ވަނީ ނުވެފައެވެ. އާންމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެކަން ހިނގާފައި ވަނީ މިރޭ އިރުއޮއްސި 18:34 ހާއިރުއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ މިރޭ 7:24 ހާއިރު ވީބީ މާޓާއި ސޮނީ ހާޑްވެއާ އާ ދެމެދުގައި އޮންނަ ނޫރާނީ ގޯޅީގެ ތެރެއިން ބިދޭސީ އަންހެނެއްގެ އަތްދަބަސް ފޭރިގަނެގެން ގޮސްފައިވާ ކަމުގެ ރިޕޯޓު ކޮށްފައި ވާކަމަށެވެ. އެހެން ނަމަވެސް އެ ދަބަހުގައި ހުރި ތަކެއްޗާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިދިޔަ މާޗް މަހުގެ 3 ވަނަ ދުވަހުވެސް ވަނީ ބިދޭސީން ތަކަކަށް ބިރުދެއްކުމަށް ފަހު އެމީހުންގެ އަތުން 6500 އެއްހާ ރުފިޔާ ފޭރިގެންފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބަޔަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫންކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

މި ފަހަކަށް އައިސް މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް ފުލުހުންގެ ފަރާތުން އަޅާނެ ކަމަށާއި މާލޭގައި ދިރިއުޅޭ އާންމުންވެސް އެ ފަރާތްތަކުގެ މުދަލާއި ފައިސާ ރައްކާތެރިކޮށް ގެންގުޅުމަށް ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.