ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާގެ މައްޗަށް ކުށް ސާބިތުވެ އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ގުރައިދޫގައި މީގެ 6 އަހަރު ކުރިން މަރާލާފައި އޮށްވާ ފެނިފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހް އަލަމް މިއާއެވެ. އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ކަމަށް ދައުލަތުން ދައުވާކޮށްފައިވަނީ ބަންގްލަދޭޝްގެ ބަބުލް މިއާގެ މައްޗަށެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ބަބުލް މިއާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާއިރު، ޝާހް އަލަމް މިއާގެ ވާރިސުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެހެންކަމުން ބަބުލް މިއާ އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން އޭނާގެ މައްޗަށް ހުކުމްކޮށް ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މި މީހާ މަރާލާފައިވަނީ ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަށެވެ.

ގުރާދޫގައި އޭނާ މަރާލާފައި އޮތްވާ ފެނުނު ސަަރަހައްދަކީ އެ ރަށުގައި އުމްރާނީ އެކިއެކި މަަސައްކަތް ކުރާ "ކަންދަރު އަވަށް" ކަމަށްވާއިރު، އެތާނގައި ތަފާތު އެކި ބާވަތްތަކުގެ މަސައްކަތް ހިންގާ ސައިޓުތައް ހުރިކަމަށާއި، އެތާގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުންދާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.