ރާއްޖޭގައި މަސްވެރިކަން ކުރަންވީ ދާ އަޅައިގެން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ބޭރުގެ މަސްބޯޓުތަކުން ރާއްޖޭގައި މަސްވެރިކަން ކުރުން ހުއްޓުވުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ބޭރުގެ އެހެނިހެން ގައުމުތަކުން ދަލު މަސްވެރިކަން ކުރަމުން ގެންދާ ކަމުގައި ވާނަމަ ރާއްޖޭގައިވެސް ދަލު މަސްވެރިކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށެވެ. ރާއްޖޭގެ މަސްވެރިން މަސްވެރި ކަމުން މަދުން ނަފާ ހޯދުމަކީ ބޭނުން ކަމެއް ނޫންކަމަށާއި އަދި ރާއްޖެއަކީ ކަނޑުމަސް އާލާވާ ތަނެއް ކަމަށް ވާހަކަ ދެކެވުނަސް އެކަމުގެ މާބޮޑު ހެއްކެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ދޮށީގައި ކުރާ މަސްވެރިކަމަކީ މަޝްހޫރު ވާންވެގެން "ޑޯލްފިން ފްރެންޑްލީ ފިޝިން' ގެ ނަމުގައި ކުރާ ކަމެއް ކަމަށާއި އެއީ އެއްވެސް ފައިދާއެއް ހުރިކަމެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ސިނާއަތުން ލިބެން ޖެހޭ ފުރިހަމަ އާމްދަނީ ހޯދުމަށްޓަކާ ޒަމާނާ އެއްގޮތަށް މަސްވެރިކަން ކުރަން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމަކީ މަސްވެރިން ބާނާ މަހަށް ވަގުތުން ރަނގަޅު އަގެއް ލިބުމާއި، މަސްވެރިންނަށް ލިބެންވާ ފުރިހަމަ ރައްކާތެރިކަން ހޯދައި ދިނުމާއި، މަސްވެރިންގެ ރައްކާތެރިކަމާ ބެހޭ ގާނޫނެއް ހެދުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް ގިނަ ހޯދުން ތަކުން ދައްކާ ގޮތުގައި ދާ އަޅައިގެން ކުރާ މަސްވެރި ކަމަކީ ތިމާވެށްޓަށް އެކަމުގެ ސަބަބުން ނުހަނު ބޮޑެތި ގެއްލުންތަކެއް ކުރިިމަތިވާ ކަމެކެވެ. މި މަސްވެރިކަމުގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބޭކަމަށް މިހާތަނަށް ހޯދި ހޯދުން ތަކުން ފެންނަން އޮތްކަމަށް މިކަން ދިރާސާކުރާ މާހިރުން ފާހަގަ ކުރެއެވެ. ދަލު މަސްވެރިކަމަކީ ދާ އަޅުމުގެ ސަބަބުން އޭގައި ގިނަ އަދަދެއްގެ ބޭނުން ނުކުރެވޭ ބާވަތްތަކުގެ މަސް ޖެހޭ މަސްވެރިކަމެއް ކަމުން ދަލުގައި ޖެހޭ ކުދި ނުވަތަ ބޭނުން ނޫން މަސްތައް ބޭކާރުގޮތުގައި އުކާލެވުމުން ކަނޑުތަކުގެ ދިރުންތައް ނެތިދާކަންވެސް އެފަރާތްތަކުން ފާހަގަކުރެއެވެ. މީގެ އިތުރުން ވެލާ ފަދަ ހިމާޔަތް ކޮށްފައި ހުންނަ ބާވަތްބާވަތާއި، މަދުން ފެންނަ ބާވަތްތަކުގެ ދިރުންތައް މިބާވަތުގެ މަސްވެރިކަމުން ނެތި ދިއުމުގެ ބިިރުވެސް ބޮޑެވެ.
މީގެ އިތުރުން މިފަދަ މަސްވެރި ކަމަކީ އަބަދަށް ކުރެވޭނެ މަސްވެރިކަމެއް ނޫންކަމުންނާ މި ބާވަތުގެ މަސްވެރިކަމުން ދިރުން ތަކަށާއި ތިމާވެށްޓަށް ލިބޭ ގެއްލުން ބޮޑުކަމުން ރާއްޖޭގައި މިބާވަތުގެ މަސްވެރިކަން ކުރުމަކީ އެތައް ޒަމާނަކުން ފެށިގެން ގާނޫނީ ގޮތުން މަނާކަމެކެވެ.