ޕެންޝަނުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދައުލަތަށް ނުދައްކަވައި ހުރި ފައިސާ ދެއްކެވުމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ގޮވާލައްވައިފިއެވެ.

ޝަހީމް މި މޭރުމުން ގޮވާލައްވައިފައި ވަނީ މިއަދު މަޖިލީހަށް ޖާބިރު ހުށަހަޅުއްވާފައިވާ، އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުން ދޭ ޕެންޝަނުގެ އަދަދު 5000 ރުފިޔާއިން 10000 ރުފިޔާއަށް އިތުރުކުރުމަށް ޕެންޝަނުގެ ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހާމެދު ބަހުސް ކުރައްވަމުންނެވެ. މި ބިލާ މެދު ބަހުސް ކުރައްވަމުް ޝަހީމް ވަނީ ޖާބިރު ހުށަހަޅުއްވާފައިވާ ބިލަކީ ޒިންމާދާރުކަން ކުޑަ ބިލެއްކަމަށް ފާހަގަ ކުރައްވާފައެވެ.

ޖާބިރު ހުށަހަޅުއްވާފައިވާ އިސްލާހާ މެދު ނުރުހުން ފާޅު ކުރައްވަމުން ޝަހީމް ވިދާޅުވީ ޖާބިރަކީ ދައުލަތަށް ގިނަ ފައިސާ ދައްކަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި، އޭނާ ދައުލަތަށް ދައްކަވަން ޖެހިވަޑައިގަންނަވާ ފައިސާ ވީ އެންމެ އަވަހަކަށް ދެއްކެވުމަށް ގޮވާލައްވައި ކަމަށެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވަނީ ޝަހީމް ދެއްކެވި ވާހަކައަށް ތާއިދުކުރައްވާފައެވެ. ޝިއާން ވިދާޅުވީ ޖާބިރުގެ ކުންފުނި "ޔޮޓް ޓުއާސް" އަކީ ދައުލަތަށް ބޮޑު އަދަދަކުން ފައިސާ ދައްކަންޖެހޭ ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންނަށްވެސް މުސާރަ ނުދޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. ޝިޔާން ވިދާޅުވީ ދައުލަތަށް އެހާ ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކައި ހުރި މީހުން ފައިސާ ދެއްކުމުން އުމުރުން ދުވަސްވީ މީހުންނަށްދޭ ފައިސާގެ އަދަދު 15000 ރުފިޔާއަށްވެސް އިތުރުކުރެވިދާނެ ކަމަށެވެ.

އެ ފަރާތްތަކަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަކީވެސް އޭނާގެ އަތުން ގިނަ ފައިސާ ދަރަންޏަށް ނަގާފައިވާ ފަރާތްތަކެއް ކަމަށާއި އެ ފައިސާ އަނބުރައި ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

މި އިސްލާހު ގެނައުމަށް ބަހުސަށް ހުޅުވާލުމުން މަޖިލީހުގެ ސުޕާ މެޖޯރިޓީ އޮންނަ އެމްޑީޕީއިން ދަނީ މި ބިލާ މެދު ނުރުހުން ފާޅުކުރަމުންނެވެ. އެމްޑީޕީގެ މެންބަރުން ފާހަގަ ކުރައްވާ ގޮތުގައި ޖާބިރު މި ބިލު ހުށަހަޅުއްވާފައި ވަނީ ގައުމުގެ މާލީ ހާލަތާ މެދު ނުވިސްނަވައެވެ. އަދި މި ބިލަކީ ދައުލަތުން ކޮންމެ މަހެއްގެ މައްޗަށް އެތައް ފައިސާއެއް ހަރަދުކުރަން ޖެހޭނެ ބިލެއް ކަމަށާއި އެހެން ނަމަވެސް މި ކަމަށް ވުރެ މާ މުހިންމު ކަންކަން ނުވެ އެބަހުރިކަމަށް އެބޭފުޅުން ފާހަގަކުރެއްވިއެވެ.