ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީ ގެ ރައީސް، އަހުމަދު އަދީބު ބޭސް ފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. އަދީބާއި އަނބިކަނބަލުން މަރިޔަމް ނަޝްވާ އިންޑިއާއަށް ފުރާވަޑައިގަތީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

އޭނާ އިންޑިއާއަށް ވަޑައިގަތީ ލޮލުގެ ބައްޔެއް ކަމުގައިވާ ގުލުކޯމާއަށް ފަރުވާ ހޯދުމަށެވެ.

އަދީބުގެ ލޮލުގެ ބައްޔަށް ފަރުވާ ހޯއްދެވީ އިންޑިއާގެ ޕޫނާގައި ހުންނަ ރޫބީ ހޯލް ކްލިނިކުނެނެވެ. އޭނާއަށް ފަރުވާދިން ޑޮކްޓަރު، ޑޮކްޓަރު ޝްރުތިކާ ކަންކާރިޔާ އިންޑިއާގެ ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި މިމަގެ 18 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް އަދީބުއަށް އެ ހޮސްޕިޓަލްގައި ވަނީ ފަރުވާ ހޯއްދަވާފައެވެ. އޭނާ ބެލެމަށް ފަހު އެ ޑޮކްޓަރު ވަނީ 6 މަސް ފަހުން އަނބުރާ ދައްކަން ވަޑައިގަތުމަށް އަދީބަށް ލަފާދީފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ނައިބު ރައިސްކަން ކުރެއްވި އަހުމަދު އަދީބަކީ އެމްއެމްޕީއާރުސީ ހިޔާނާތާއި ކުރީގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައި ރައީސް ޔާމީން އަވަހާރަ ކޮށްލައްވަން އުޅުއްވުން ފަދަ ބޮޑެތި ކުށްތަކެއްގެ ތުހުމަތުގައި ދިގު މުއްދަތަކަށް ޖަލަށް ލާއިފައި ހުއްޓައި މިނިވަންކޮށް މި ސަރުކާރުން، ބޭސް ފަރުވާއަށް އިންޑިއާއަށް ފޮނުވާފައިވާ ބޭފުޅެކެވެ.

ކޮރަޕްޝަނާއި ޓެރަރިޒަމް ހިމެނޭ ގޮތުން އަދީބު މައްޗަށް އުފުލި ދައުވާ ތަކުގައި 33 އަހަރު ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ހުކުމެއް ކޯޓުން ވަނީ ބާތިލު ކޮށްފައެވެ. އަދީބު އިންޑިއާއަށް ވަޑައިގެންނެވި އިރު މިހާރު އޭނާގެ މައްޗަށް އޮތީ ކޯޓުގެ ހުރުމަތް ކަނޑުއްވައިގެން އައިސްފައި އޮތް 15 ދުވަހުގެ ހުކުމެއް އެކަންޏެވެ.