އަގުހެޔޮ ވާނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަރަންޓު ބިލު ބޮޑުތަނުން ބޮޑުވެ ރައްޔިތުންގެ އަތް ނުރޯފަށަށް ކަރަންޓު ބިލުތައް އަރައިފިއެވެ.

މިދިޔަ މާޗް މަހުން ފެށިގެން ކަރަންޓު ބިލު ކުޑަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި ކަރަންޓަށް އާންމުންގެ އަތުން ހޭދަކުރާ މިންވަރު ކުޑަ ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޔޫޓިލިޓީ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވާ ވައުދެކެވެ.

ނަމަވެސް މާޗް މަސް ނިމިގެން ދިޔަ އިރު، ކަރަންޓް ބިލަށް ބަދަލެއް ނައިސް، އެ މައްސަލަ ހޫނުވުމުން، ސަރުކާރުގެ ކަރަންޓު ދޭ ދެ ކުންފުނިން ވަނީ އަގުހެޔޮ ބިލްތައް ލިބެން ފަށާނީ އެޕްރީލް މަހުން ފަށައިގެން ކަމަށް ބުނެފައެވެ. އެހެންނަމަވެސް، ފާއިތުވި ތިން މަސް ނިމިގެން ދިޔަ އިރު، ކުރިން ކަރަންޓް ބިލަށް އަރަމުން ދިޔަ ވަރަށް ވުރެ އިތުރުވެ އެކަމުގެ ޝަކުވާއާއި ކަންބޮޑުވުންތައް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ބަންޑުން ކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ ކަރަންޓު އަގުހެޔޮ ވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން ފެންނަން ނެތް ކަމަށާއި، އަގުހެޔޮ ކުރިކަމަށް ބުނި އިރު ހުރި ވަރަށްވުރެ ކަރަންޓު ބިލު ބޮޑުވެފައިވާ ކަމަށެވެ.

ސްޓެލްކޯ ސަރަހައްދު

މާލޭގެ ރައްޔިތުންގެ ކަރަންޓު ބިލްތައް ބޮޑުވުމާ ގުޅޭ ގޮތުން ޓްވިޓާގައި ވަނީ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ބައެއް ފަރާތަތަކުން ބުނެފައިވަނީ މިއީ ސަރުކާރުން ރައްޔިތުންނަށް ކުރާ ޖެއްސުމެއް ކަމަށާއި ކަރަންޓު ބިލު ކުޑަ ވާނެ ކަމަށް ބުނެފައި ވީނަމަވެސް މަހުންމަހަށް ކަރަންޓު ބިލު ބޮޑުވަމުން ދާކަމަށެވެ. އަދި ކުރީގެ ކަރަންޓު ބިލުތަކާ އަޅާ ބަލާއިރު މިހާރުގެ ބިލްތައް ދެ ގުނައަށް ބޮޑުވެފައި ވާކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މިކަމުގެ ތެރެއިން ބައެއް ފަރާތްތްކުން ވަނީ ބައެއް ރަށްރަށަށް 24 ގަޑި އިރު ކަރަންޓު ނުލިބޭ ކަން ފާހަގަކޮށްފައެވެ. ނަމަވެސް އެފަރާތްތަކުން ބުނަމުންދަނީ ކަރަންޓު 24 ގަޑިއިރު ހަމަޔަށް ނުލިބުނުކަމުގައި ވީނަމަވެސް ކުރިޔާ އަޅާ ބަލާއިރު ބިލް އިންތިހާ އަށް ބޮޑުވެފައިވާ ކަމަށެެވެ. އަދި މިހާރު އެފަރާތްތަކުން ތިބީ "ވާނުވާ" ގައި ކަމަށާއި ކަރަންޓު ބިލު އަންނަ އިރު ދެ ގުނައަށް ބޮޑުވެފައި ވާކަމަށް ވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ޓްވިޓާގައި މިކަމާ ގުޅޭގޮތުން ޝަކުވާ ކުރަމުން ބައެއް ފަރާތްތަކުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކަރަންޓު ބިލު އަގު ހެޔޮ ވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް ކުރިއާ އަޅާ ބަލާއިރު ކަރަންޓުގެ އަގު ދެގުނަޔަށް ބޮޑުވެފައިވާތީ އެކަމާ ސަރުކާރާ ސުވާލު ކޮށްފައެވެ. އަދި ކަރަންޓުގެ އަގު މައްޗަށް ދާ ސަބަބު ބަޔާން ކޮށްދިނުމަށް އެ ފަރާތަތަކުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން ވަނީ މިއީ އިންޖީނުގެތަކުގައި ތިބި އިދިކޮޅު ޕާޓީތަކުގެ މެންބަރުން މި ސަރުކާރަށް ކުރަމުންދާ ޖެއްސުމެއް ކަމަށް ފާހަގަ ކޮށްފައެވެ. އަދި ބައެއް ފަރާތްތްކުން ބުނަމުން ދަނީ މިކަމާ ސްޓެލްކޯއިން ޖަވާބު ދާރީ ނުވާ ކަމަށާއި ކަރަންޓު ބިލުތައް ގަބޫލު ނުކުރެވޭވަރަށް ބޮޑުވެފައިވާ ސަބަބު އޮޅުން ފިލުވަށް ބޭނުން ވާކަމަށެވެ.

ސްޓެލްކޯގެ އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލު ދައްކަމުން ދިޔަ ފަރާތަކުން ޓްވިޓާގައި ހިއްސާކޮށްފައިވާ ސްކްރީން ޝޮޓަކުން ފެންނަ ގޮތުގާ ކޮންމެ މަހަކު ކަހަލަ ގޮތަކަށް 1000 އާއި 1500 އާ ދެމެދުގެ އަގުތަކެއްގާ ކަރަންޓު ބިލުތައް ދައްކާފައި ވީނަމަވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ 3500 ރުފިޔާ އަރާފައިވާ ކަރަންޓު ބިލްތައް ދައްކާފައެވެ.

ކުރީގެ ސަރުކާރު ތަކުން ކަރަންޓު އަގުހެޔޮ ކޮށްދިނުމަށް ޓަކާ ރައްޔިތުންނަށް ސަބްސިޓީ އެއް ދިން ނަމަވެސް މިހާރު ކަރަންޓުން ދޭ ސަބްސިޓީ ވަނީ ކަނޑާލައިފައެވެ. އަދި މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފުއްދާނެ ކަމަށް ބުނި ކަރަންޓު އަގު ހޮޔޮ ކުރުމުގެ ވައުދު ސަރުކާރަށް ފުއްދިފައި ވާކަމަށް އެ ފަރާތްތަކުން ބުނި ނަމަވެސް މިހާތަނަށް ކަރަންޓު ބިލްތަކުގެ އަގު ހެޔޮ ވެފައެއް ނުވެއެވެ.

ކަރަންޓު ބިލު ބޮޑުވާ މައްސަލައިގައި ސްޓެލްކޯ އަދި ފެނަކައިން ވެސް ބުނެފައިވަނީ ކަރަންޓް ބިލު ބޮޑުވަނީ ބޭނުންކުރާ މިންވަރު އިތުރުވުމުންނެވެ. ނަމަވެސް މިކަން އާންމުން ދޮގު ކުރެއެވެ.