ކުރިއަށް އޮތް ރޯދަ މަހު ވެސް ކުރީ ރޯދަ މަހެކޭ އެއްގޮތަށް ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ކުރާ މަސައްކަތް ރައްޔިތުންނަށް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަންކަމަށް ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވެ ވިސްނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެެވެ. ހަމައެއާއެކު މި އަހަރު ރޯދަ މަހުގައި ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ ރޯދަ މަހުގައި ވެސް ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދީފައެވެ. މިއަދު ވެސް ރައީސް މިހެން ވިދާޅުވެފައިވާ އިރު މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވހު އއ މަތިވެރީގައި ވާހަކަފުޅު ދައްކަވަމުން ވެސް ރައިސް ވަނީ ކުރިއަށް އޮތް ރޯދަ މަހު ބިލްތަކުން ޑިސްކައުންޓް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިރޭގެ ޖަލްސާގައި ވެސް ރައީސް ވަނީ ކުރިން ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީން ކަން ރައީސް ވަނީ ދެއްވާފައެވެ.

މި އަހަރު ރޯދަ މަހު ހުރިހާ ގޭބިސީއެއްގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު، މިއަހަރު ރޯދަ މަހަށް ކޮންމެ ގޭބިސީއަކަށް އަންނަނީ ސަރުކާރުން މަސްދަޅު ކޭސް ހަދިޔާ ކުރަމުންނެވެ.