ރޯދަ މަހަށް ވަކި ކަރަންޓު ބިލެއް ތައްޔާރުކުރުމަށް ރޯދަ މަސް ފެށުމުގެ ކުރިއަށް އިން ދެ ދުވަހު ކަރަންޓް މީޓަރުތަކުން ރީޑިން ނަގަން ނިންމައިފިއެވެ.

ރޯދަ މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ދިވެހިންގެ ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސްޓެލްކޯ އިން ބުނީ ރައީސް މިގޮތަށް ނިންމަވާފައި ވާތީ ރޯދަ މަހަށް ވަކި ބިލެއް ތައްޔާރު ކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން މި މަހުގެ 16 އަދި 17 ވަނަ ދުވަހު ރީޑިން ނެގުމަށް ސްޓެލްކޯ މުވައްޒަފުން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. މިކަމުގައި ހުރިހާ ކަސްޓަމަރުން ވެސް އެއްބާރުލުން ދިނުމަށް އެދިފައި ވެއެވެ.

ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ކޮންމެ ގެއަކަށް ކުރިއަށް އޮތް ރޯދަ މަހުގެ ކަރަންޓު ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ ކަމަށް ރައީސް މުއއިްޒު ވިދާޅުވެފައި ވާ އިރު، ބިލަކަށް 400 ރުފިޔާއަށް ވުރެ އިތުރަށް އަރައިފި ނަމަ އިތުރުވާ ބަޔަކީ ޑިސްކައުންޓް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މީގެ ކުރިން އައި ދެ ރޯދަ މަހު ވެސް ކަރަންޓާއި ފެން ބިލުން ވަނީ ޑިސްކައުންޓް ދީފައެވެ.