ފިނި މޫސުމުގައި ކަރަންޓް ބިލު ބޮޑުވާ މައްސަލައިގައި ސުލްހަވެރިކަމާއެކު މުޒާހަރާކޮށް ނުވަތަ އެއްވުންތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

މި ދުވަސްވަރު ސްޓެލްކޯއިން ފޮނުވާ ބިލުތައް ބޮޑު ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ އިރު، މިއަދު ސްޓެލްކޯ ސަރަހައްދަށް ވަނީ ބަޔަކު އެއްވެ މުޒާހަރާ ހިންގަން މަސައްކަތް ކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ސްޓެލްކޯގެ އިމާރާތް ކައިރީގައި މުޒާހަރާއެއް ބާއްވާނެ ކަން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެގޮތުން އެ ސަރަހައްދުގައި ސްޓެލްކޯގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މުޒާހަރާ ނުވަތަ އެއްވުން ސުލްހަވެރިކަމާއެކު ކުރިއަށް ދާނަމަ، ރޭވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފުރުސަތު ދޭނެ ކަމަށް ފުލުހުން ބުނެއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އުނިކަމެއް ނާންނާނެ ގޮތަށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ތަން ދޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކަރަންޓް ބިލް ބޮޑު ވެފައިވާ މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ދުވަސްވަރެއް ކަމުން ކަރަންޓް ބިލްތައް ބޮޑުވާން މެދުވެރިވީ ސަބަބު ދެނެ ގަތުމަށް އާންމުންގެ އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަމުންނެވެ. މީގެ ކުރިން ކަރަންޓް ބިލު ބޮޑުވާ ދުވަސްވަރު ކަރަންޓު ބިލު ބޮޑުވަނީ ހޫނު ގަދަ ދުވަސް ވަރު ކަމުން ފިނި ކުރުމަށް ބޭނުން ކުރާ ބައެއް ކަރަންޓު އާލާތްތައް ބޭޏުން ކުރުމުގައި ލޯޑް ބޮޑުވުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފައި ވެއެވެ. ނަމަވެސް ފިނި މޫސުމުގެ ދުވަސްވަރެއްގައި ކަރަންޓު ބިލު ބޮޑުވުމުން އެކަމާ މެދު ސިވާލު އުފައްދާ އެތައް ބަޔަކު އަންނަނީ ސްޓެލްކޯއިން މަކަރު ހަދާ ކަމަށް ބުނެ ރައްޔިތުންގެ އަތުން ހައްގު ނޫން ފައިސާ ހޯދާ ކުންފުންޏެއް ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ކަމަކީ ސްޓެލްކޯއިން ހިންގާ ސްކޭމެކެވެ. އެތަނުގައި ޖަނަރޭޓަރުތައް އޮޕަރޭޓްކުރާ އިރު ދަށް ވޯލްޓޭޖެއްގައި ކަރަންޓު ދޫކުރާ ނަމަ ގޭބިސީތަކުން ބޭނުންކުރާ އަދަދަށް ކަރަންޓު ނެގުމުގައި ލޯޑު ބޮޑުވާ ނަމަ ކަރަންޓު ބިލު ބޮޑުވާނެ ކަމަށް ބުނެ ވެސް އެތައް ބަޔަކު އަންނަނީ ވާހަކަ ދައްކަމުންނެވެ.

މި ކަމާ ގުޅިގެން އެ ކުންފުނިން ވަނީ ބިލުތަކާ ގުޅިގެން ހުރި ޝަކުވާތައް ހުށަހެޅުމަށް ހާއްސަ ހޮޓްލައިނެއް ތައާރަފްކޮށްފައެވެ. އެގޮތުން ކަރަންޓު ބިލުތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމާ ސާވިސް ނަމްބަރު 7788438 އަށް ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ 24 ގަޑިއިރު ޖަވާބު ދާރީ ވާނެ ހޮޓްލައިނެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.