ފާއިތުވެދިޔަ މަސްތަކުގައި ކަރަންޓު ބިލު ބޮޑުވި ސަބަބު ބަލައި އެކަން އާންމުންނަށް އޮޅުންފިލުވައި ދިނުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، މިދިޔަ އޭޕްރިލް މަހުގެ ކަރަންޓު ބިލު ލިބުމުން އާންމުން ކަންބޮޑުވުން ފާޅުކޮށް، ސްޓެލްކޯ އާއި ފެނަކައަށް ޝަކުވާ ހުށަހެޅުމުގެ އިތުރުން، ސޯޝަލް މީޑިއާގައި ޝަކުވާތައް ހިއްސާކުރިކަން ފާހަގަކުރައްވައިފައެވެ.

އާންމުންގެ ކަންބޮޑުވުންތައް ގިނަވުމުން ސްޓެލްކޯ އިން ބިލުތަކަށް ލުޔެއް ދިން ކަމަށާއި، ނަމަވެސް ވޭތުވެދިޔަ މަސްތަކުގައި ރީޑިން ނަގާފައިވާ ބިލުތައް ބޮޑުކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވި ގޮތުގައި، އާންމުންނަށް ކަރަންޓު ބިލު ބޮޑުވި ސަބަބެއް ނޭނގެއެވެ.

އެހެންކަމުން، ކަރަންޓު ބިލު ބޮޑުވާ ސަބަބު އާންމުންނަށް ސާފުކޮށްދީ، ބިލު ބޮޑުވުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް އޭނާގެ ކުއްލި މައްސަލައިގައި ވަނީ ގޮވާލައްވައިފައެވެ.

މި މައްސަލަ އަށް ބަހުސްކުރަން ފެންނަ ކަމަށް، ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މިދިޔަ އޭޕްރީލް މަހުގެ ކަރަންޓު ބިލްތައް ބޮޑުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، އަދި މިކަމާ ގުޅިގެން ސްޓެލްކޯ ކައިރީގައި އިހްތިޖާޖެއް ކޮށްފައި ވެސް ވެއެވެ. މިކަމާ ގުޅިގެން ސްޓެލްކޯއިން މީގެ ކުރިން ބުނީ ކަރަންޓު ބިލު ބޮޑު ވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާއި ގުޅިގެން ކަމަށެވެ.