ބައިބޯވެ ތޮށްޖެހިފައިވާ މާލެ ސިޓީގެ މަގުތަކުގައި ގިނަބަޔަކު ފައިމަގުގައި ހިނގާބިނގާވެ އަދި އެތައް ދުއްވާ ވެހިކަލްތަކެއް ދުއްވަމުން ދާތަން އަބަދުވެސް ފެނެއެވެ. އޮފީހަށް ދިއުމަށް ނަލަ ހެދިލައިގެން ދާ މީހުންނާ ސްކޫލަށް ދާން ޔުނީފޯމް ލައިގެން ނުކުންނަ ކުދިންނަށް ކޮންމެ ދުވަހަކުވެސް އެއް އުނދަގުލެއް ޖެހެމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ.
ވާރޭ ނުވެހުނު ކަމުގައި ވިޔަސް ގަޔަށް "މަސްނޫއީ ބޮޑު ތިކި ވާރޭގެ" އަސަރު ނުކުރާ މީހަކު މަދުވާނެއެވެ. މި ދެކެވޭ ވާހަކައަކީ ވިއްސާރަވުމުން ނުވަތަ މޫސުމާ ގުޅުން ހުރި ކަމެއް ނޫނެވެ. މި ދެކެވެނީ މަގުމަތިން ހިނގާފައި ދާއިރު ބޮލަށް ނޫނީ ގަޔަށް ޖަހާ ބޮޑު ފެން ތިއްކެއްގެ ވާހަކައެވެ.
ބުރިބުރިއަށް ނަގާފައިވާ ގެތަކުގައި ހަރުކޮށްފައި ހުންނަ އޭސީގެ އައުޓްޑޯ ޔުނިޓްތައް ހުންނަނީ މަގުމައްޗަށް ވާ ގޮތަށް އެގެއެއްގެ ބޭރު ފާރުގައި ހަރުކޮށްފައެވެ. މަގުމައްޗަށް ނުކުމެ ބޭރު ބަލާލިއަސް ކޮންމެ ގެއެއްގެވެސް ބޭރު ފާރުގައި ބަރިއަކަށް ހަރުކޮށްފައި ހުންނަ މިފަދަ އައުޓްޑޯ ޔުނިޓް ތައް މަދެއް ނޫނެވެ. މިފަދަ އައުޓްޑޯ ޔުނިޓްތަކުން ފެންތިކި ޖެހުމުން އެކަމާ ޝަކުވާ ކުރާ މީހުން އަންނަނީ ގިނަވަމުންނެވެ. އެއްބަޔަކު ފެންތިކި ޖެހުމުން އެވަގުތު ރުޅިއައިސްގެން ދެތިން ބަހެއް ބުނެލާއިރު އަނެއް ބަޔަކު އެބައެއްގެ ހިޔާލުތަކާއި ޝުއޫރުތައް ފާޅުކުރަމުން ދަނީ ސޯޝަލް މީޑިއާގައެވެ. އެގޮތުން ދާދި ފަހުން ސޯޝަލް މީޑިއާގައި މިފަދަ ޝަކުވާތަކެއް ދައުރުވަމުންދާ ކަން ފާހަގަ ކޮށްލެވެއެވެ.
އަމިއްލަ މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މާލޭގެ ގެތަކުގައި ހަރުކޮށްފައި ހުންނަ އޭސީގެ ފެން ހޮޅިތައް މަގުމައްޗަށް ދޫކޮށްލާފައި ހުންނަ ކަމަށެވެ. މާލޭގެ ކޮންމެ މަގަކުން ދިޔަ ނަމަވެސް ބޮލަށް ފެންތިކި ނުޖަހާ މަގަކުން ނުދެވޭ ކަމަށްވެސް އެމީހާ ބުނެއެވެ.
މި ޓްވީޓަށް ޖަވާބު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔާ ޝިފާ މުހައްމަދު ވިދާޅުވެފައި ވަނީ މަގު މައްޗަށް ދޫކޮށްލާފައިވާ ހޮޅިތަކުގެ މައްސަލަ ބައްލަވަމުން ގެންދަވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުން ދާ ކަމަށެވެ. އަދި އެކަމަކީ ކައުންސިލުން ވަރަށް އަވަހަށް ގޮތެއް ނިންމަން ޖެހިފައިވާ ކަމެއް ކަމަށް ވެސް ޝިފާ ވިދާޅުވެފައި ވެއެެވެ.
މީގެ އިތުރުންވެސް އާންމުންގެ އިތުރު އެހެން މީހަކު ކޮށްފައިވާ ޓްވީޓެއްގައި ވަނީ، މާލޭގެ ގެތަކުގެ ހަލާކުވެފައި ހުންނަ ދިޔަދޮވިތަކުން ވިއްސާރަ ދުވަސްވަރު ފައިބާ ފެނަކީވެސް މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ ކަމެއް ކަމަށެވެ. އަދި އޭގެ އިތުރުން ގެއެއްގެ މައިދޮރާށި ހުންނަ ދިމާލުގެ މަތިން ވާގޮތަށް މަގުމައްޗަށް ވާނެހެން ބޭރަށް ދޫކޮށްފައިވާ ހޮޅިއަކުން ފެން ފައިބަމުން ދާ ވީޑިއޯއެއް އާންމުކޮށްފައިވާ ފަރާތަކުން ވެސް ވަނީ ޝަކުވާ ކޮށްފައެވެ. އޭނާ ބުނެފައި ވަނީ އެ ވިޑިއޯއިން ފެންނަ ފެން ހޮޅިއަކީ ފައިމަގުގައި މަގުމަތީ ހިނގާ ބިނގާވެ އުޅޭ މީހުން ފެންވެރުމަށް އަރުވާފައިވާ ފެންވަޑާމެއް ކަމަށެވެ.
ދިޔަދޮވި ތަކުންނާއި އޭސީ އައުޓްޑޯ ޔުނިޓްތަކުން މަގު މައްޗަށް ފައިބާ ފެނުގެ އިތުރުން ގޭގޭގެ ދޮންނަ މެޝިންތަކުގެ ފެން ހޮޅިތަކުން މަގުމައްޗަށް ފެން ދޫކުރާކަމުގެ ޝަކުވާތައް ވެސް މަދެއް ނޫނެވެ. މީގެ އިތުރުން ބައެއް މަގުތަކުގައި އިމާރާތް ކުރަމުންދާ ތަންތަނުން ފެން ބޭރުކުރުމަށް މަގުމަތީގައި އަޅާފައިވާ އެސްލޯން ހޮޅިތަކުން ހިނގާ ބިނގާވެ އުޅުމަށް އުނދަގޫވާ މައްސަލަތައްވެސް ފާހަގަ ކޮށްލެވެއެވެ. މި ހޮޅިތައް ފަޅައިގެން ގޮސް މަގުމައްޗަށް ފެން އެޅި ފެން ބޮޑުވާ މައްސަލަތަކަކީވެސް އާންމުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.