މާލޭ ގެއެއްގެ 2 ވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓި އަނިޔާވެއްޖެއެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 42 އަހަރުގެ ދިވެހި އަންހެނަކަށެވެ.

ފުލުހުން ބުނީ މާލެ މައްޗަންގޯޅީގައި ހުންނަ ގެއެއްގެ 2 ވަނަ ފަންގިފިލާއިން 42 އަހަރުގެ ދިވެހި އަންހެނަކު ވެއްޓިފައިވާ މައްސަލަ ރޭ 4:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި އަންހެން މީހާގެ 2 ފައިގެ ކުޑަހުޅުން ނެއްޓި "އޮޕެން ފްރަކްޗާ"ވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. އަދި އެ އަންހެން މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.