މަސްތުވާތަކެތީގެ މައްސަލަތަކަކާ ގުޅިގެން މާލެއިން 2 މީހަކު އަދި ބ. ކަމަދޫއިން 2 މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިއްޔެ މާލެއިން ހައްޔަރުކޮށްފައި ވަނީ ގ. ސެމިޓޯން އިބްރާހީމް ޝަރީފް (41އ) އަދި ހަމަ އެގޭ ހަމްޒާ ޝަރީފް (44އ) އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނީ 90.54 ގުރާމް ކަމަށެވެ. މި މައްސަލައާ ގުޅިގެން މި 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 2 މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ޖުލައި މަހުގެ 2 ވަނަ ދުވަހު ކަމަދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނުގައި، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަދޫ ގެއެއް ބަލައިފާސްރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަދޫއިން ހައްޔަރުކޮށްފައި އެ ރަށު ސުވާސާގެ، އަލީ ރިޔާޟު ހަސަން (53އ) އަދި ފެންފިޔާޒުގެ، އާމިނަތު ފަރީޝާ (42އ)އެވެ. ފުލުހުން ބުނީ މި 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ ރިޔާޟު 5 ދުވަހަށް އަދި އާމިނަތު ފަރީޝާ 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި 2 މައްސަލަ ވެސް އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.