ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ "އުފުރިޔާ" ދޯނި ހާލުގައި ޖެހިފައި ވަނިކޮށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހޯދައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެ އިން ފުރައިގެން އައްޑޫސިޓީ އަށް ދަތުރު ކުރި 33 ފޫޓުގެ މި ދޯނި ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ ހަވީރު ފަހެއް ޖަހާކަންހާއިރު ކަމަށެވެ. އަދި އެކަމުގެ ރިޕޯރޓް ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "މާފަތް" ލޯންޗު، މި ދޯނި ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.

އަދި ކަނޑު ގަދަވެ، މޫސުން ގޯސްވުމާއެކުގައި، މި ދޯނި ހޯދުމަށް މާލެ އިން ފުރައިގެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ވެސް ހަރަކާތްތެރިވަމުންދަނިކޮށް، މި ދޯނި ފެނިފައިވަނީ ދޯނި ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދިޔަ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "މާފަތް" ލޯންޗަށް، ރޭ 10:30 ހާއިރު، ލ. ގަމުގެ އިރުން 31 ނޯޓިކަލް މޭލު ބޭރުން އިންޖީނު ހުއްޓިފައި އޮއްވާކަމަށެވެ.

އުފުރިޔާ ދޯނި ފެނުނު ހިސާބު މެޕުގައި ފާހަގަކޮށްފައި

އެމްއެންޑީއެފުން ބުނީ އިންޖީނު ހުއްޓިގެން ހާލުގައި ޖެހިފައި އޮތް އުފުރިޔާ ދޯނި ފެނުނު އިރު އޭގައި ތިން ދިވެހިން ތިބި ކަމަށެވެ. އަދި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށާއި، ދޯނީގެ ވެރިފަރާތުން ދޯނި ކަފުޖަހާނެ އުޅަނދެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން އެފްއައިސީ "މާފަތް" ލޯންޗް މި ދޯނި ކައިރީ ހަރަކާތްތެރިވަމުންދާ ކަމަށެވެ.