ރާއްޖެ އައި ބަންގްލަދޭޝް ފިރިހެނަކު އޭނާގެ އަންހެނުން ލައްވައި ހަށި ވިއްކުވައިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މައްޗަންގޯޅި ގެއެއްގައި ހަށި ވިއްކަމުން ދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ކަން ހިންގަމުންދިޔަ ގެ ބަލާ ފާސް ކޮށްފައި ވާކަމަށެވެ. އެގޮތުން ހަށި ވިއްކާކަމަށް ތުހުމަތުކޮށް ބަންގްލަދޭޝް ގެ އަންހެނެއްގެ އިތުރުން މިކަމުގައި ބައިވެރިވެގެން އުޅުނު 3 ބަންގްލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ ބެލި ބެލުމުން ބަންގްލަދޭޝްގެ އަންހެން މީހާ ލައްވައި ހަށި ވިއްކުވަނީ އޭނާގެ ފިރިމީހާ ކަން އެނގިފައި ވާކަމަށެވެ. އަދި އޭނާގެ ފިރިމީހާ ކޮށްފައި ވާކަމަށް ބެލެވޭ އަނިޔާތަކެއްގެ ނިޝާންތައް އޭނާގެ ހަށިގަނޑުން ފެނިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާގެ ފިރިމީހާ އޭނާގެ ޕާސްޕޯޓު ހިފައިގެން ގޮސްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި އެމީހުން ހައްޔަރު ކޮށްފައި ވަނީ މޭ މަހުގެ 20 ވަނަ ދުވަހު ކަމަށާ މޭ މަހުގެ 23 ވަނަ ދުވަހު އެ އަންހެން މީހާ އަށް ސޭފް ހައުސް ހަމަޖައްސައި ދީފައި ވާކަމަށާ، ނަމަވެސް އަދިވެސް އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އިމިގްރޭޝަނަށް އެ އަންހެންމީހާގެ ފިރިމީގެ މައުލޫމާތު ހިއްސާ ކުރުމުން، މޭ މަހުގެ 25 ވަނަ ދުވަހު 22:00 ހާއިރު އިމިގްރޭޝަނުން ވަނީ އޭނާ ފުރަން އެއާޕޯޓަށް ދިއުމުން ހުއްޓުވާފައެވެ. އަދި އޭނާ ހުރީ އޭނާގެ އަންހެނުންގެ ޕާސްޕޯޓު ހިފައިގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ފިރިހެން މީހާ އަކީ އުރުން 39 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ދެމީހުން ރާއްޖެ އައިސްފައިވަނީ ޓުއަރިސްޓު ވިސާ ގައި މޭ މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ ކްރިމިނަލް ކޯޓުންވަނީ މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަށް ހާޒިރު ކުރުމުން ފުރަތަމަ ހައްޔަރު ކުރި ބިދޭސީ 3 ފިރިހެނުންނަށް 15 ދުވަސް އަދި ފަހުން ހައްޔަރު ކުރި 39 އަހަރުގެ ބިދޭސީ މީހާގެ ބަންދަށް 7 ދުވަސް ޖަހާފައި ކަމަށެވެ. އަދި މި މައްސަލަ ސީރިއަސް ހިއުމަން ޓްރެފިކިން ގެ މައްސަލައެއްގެ ގޮތުގާ ބަލަމުން ދާކަމަށް ފުލުހުން ބުނެއެވެ.