ގދ. ތިނަދޫ ސިޓީގައި ފުޅާ ދާއިރާއެއްގައި ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ރިހިކޮކާގެ، އުމުރުން 21 އަހަރުގެ މުހައްމަދު އަފާޒު ބިން އަބްދުﷲ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނަކީ ތިނަދޫ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ތެރެއިން، ތުހުމަތުކުރެވޭ އަފާޒާ ގުޅުންހުރި ކަމަށް ބެލެވޭ ތިނަދޫގެ ފްލެޓެއް ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައެވެ.
އެ ފްލެޓް ބަލައިފާސްކުރިއިރު، ގަވާއިދާ ހިލާފަށް ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ސާމާނުތަކެއް ވަނީ ފެނިފައެވެ. މީގެ އިތުރުން، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި 20 ލީޓަރުގެ ތިން ހަމާއި، 500 އެމްއެލްގެ ފުޅިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އަފާޒު ބިން އަބްދުﷲ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
ތިނަދޫގައި ހިންގި މި ބަނގުރަލުގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
