މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހައްޔަރު ކުރި މީހަކު ދޫކޮށްލައިފިއެވެ.

ދޫކޮށްލައިފައި ވަނީ ފަޅުރަށަކުން 149 ކިލޯ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ފެނުނު މައްސަލައިގައި ހައްޔަރު ކުރި މީހެކެވެ. ފުލުހުން ބުނީ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލާފައި ވަނީ، ގއ. ނިލަންދޫ ދިހްޝާން ވިލާ، އުމުރުން 30 އަހަރުގެ އަލީ ޝާކިރު ކަމަށެވެ.

މި މައްސަލަޔާ ގުޅިގެން އޭނާ ހިމެނޭ ގޮތަށް 5 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި ވާކަމަށާ މި އެންމެން ޝަރީއަތް ނިމެންދެއް ބަންދުގައި ބޭތިއްބުމަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ.

މި ފަސް މީހުންނަކީ ވެސް އެ ފަޅުރަށުގައި މަސްތުވާތަކެތި ގެންގޮސް ވަޅުލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުން ކަމަށް ފުލުހުން ބުނެއެވެ. އެމީހުން ފަޅުރަށަށް މަސްތުވާތަކެތި ގެންގޮސްފައި ވަނީ ލޯންޗަކުން ކަމަށާ އެރަށަށް މަސްތުވާތަކެތި ބާލައިފައި ވަނީ ޑިންގީ އެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެމީހުންގެ ޑިންގީން އަދި ލޯންޗުން މަސްތުވާތަކެތި ފެނިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން މިތަކެތި އަތުލައިގަތުމަށް ހިންގި އޮޕްރޭޝަން 3 ދުވަސް ވަންދެން މެދުނުކެނޑި ކުރިއަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ. އަދި މި ތިން ދުވަހު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރަށްތައް މެދު ކެނޑުމެއްނެތި ބަލަމުން ގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންނަށް މިތަކެތި އަތުލައިގަނެވިފައި ވާކަން އިއުލާނު ކޮށްފައިވަނީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާއި ގުޅިގެން ގދ. ތިނަދޫގައި ބޭއްވި ޑިނާ ނައިޓެއްގެ ތެރެއިންނެވެ.