މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓެއް ނެރެފައެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު 6:00 އިން މާދަމާ ހެނދުނު 6:00 އަށެވެ. އެހެން ނަަމަވެސް ދެކުނުގެ އަތޮޅުތަކަށް އެހެން ހިސާބުތަކަށް ވުރެ ގަދަޔަށް ވިއްސާރަކުރުމަކީ އެކަށީގެން ވާކަމެއް ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ ނިމި ދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ލ. ކައްދޫ އަށް ކަމަށާ، ކުރިޔަށް އޮތް 24 ގަޑި އިރު އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރުމަކީ އެކަށީގެން ވާކަމެއް ކަމަށެވެ.
މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ކަނޑުތައް ގަދަ ވާނެ ކަމަށާ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިސްތިމާސް ކުރާކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރޭ ވަނީ ލ. އަތޮޅުގެ ބައެއް ރަށްރަށާ އަދި ހުވަދޫ އަތޮޅުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެ މީހުން ދިރިއުޅޭ ގެތެކަށް ފެން ވަދެފައެވެ. އެގޮތުން ލ. ހިތަދޫ އިން 30 ގެއަކާއި މާމެންދޫ އިން 200 ގެއަށް އަދި މާވަށުން ހަތް ގެއަކަށް ވަނީ ފެން ވަދެފައެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ލ. މާމެންދޫ އިންޖީނުގެއަށް ފެން ވަދެ އެ ރަށުން ވަނީ ކަރަންޓުގެ ހިދުމަތްވެސް މެދުކެނޑިފައެވެ.
މީގެ އިތުރުން ގދ. އަތޮޅުގެ ތިނަދޫއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން 3 ގެއަކަށް ވަނީ ފެން ވަދެފައެވެ. އަދި ގއ. އަތޮޅުގެ ބައެއް ރަށްރަށުގައި ފެން ބޮޑުވެ އެކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަމްޓް ސެންޓަރ (އެންޑީއެމްސީ) އިން ބުނީ މިހާރު މި ހުރިހާ ރަށެއްވެސް އާނު ހާލަތަށް ގެނެވިފައިވާކަަމަށެވެ.
ރޭ ބޯކޮށް ވާރޭ ވެހި ރަށްރަށުގައި ފެން ބޮޑުވަމުން ދިޔަ ވަގުތު އެމް.އެން.ޑީ.އެފާއި ޕޮލިހާއި ރަށްރަށުގެ ރައްޔިތުން އަދި ކައުންސިލުން ވަނީ ގޭގެއަށް ފެން ވަނަ ނުދިނުމަށް ވެލިގޯނި ޖެހުމާ ފެން ބޮޑުވެފައިވާ ގޭގެއިން ފެން ހުސްކުރުމުގެ މަސައްކަތް ކޮށްފައެވެ.