މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެލްނީނޯ އިތުރަށް ވަރުގަދަވެ، ކުރިއަށް އޮތް ޑިސެމްބަރު މަހުގައި އޭގެ އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ނެރުނު އަޕްޑޭޓުގައިވާ ގޮތުން، ސެޕްޓެމްބަރު މަހު ނީނޯ 3.4 އިންޑެކްސް ވަނީ ޕޮޒިޓިވް 2.1 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ. މި ހާލަތުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން އާންމު މިންގަނޑަށް ވުރެ މަތިވެ، ވިއްސާރަވުމުގެ ނިޒާމަށް ބަދަލުތަކެއް އައިސް ފެންބޮޑުވުމާއި ހަނަފަސްވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި ބަދަލުތަކާ ގުޅިގެން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ފިނިހޫނުމިން ވެސް ހުރީ އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތީގައެވެ. އަދި ޖޫން މަހުން ފެށިގެން ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވަމުން ގޮސް، ސެޕްޓެމްބަރު މަހު ވަނީ އާދަޔާ ޚިލާފަށް ހޫނުމިން މައްޗަށް ގޮސްފައެވެ.

މީގެ އިތުރުން ރާއްޖޭގެ ގިނަ މޫސުމީ ސްޓޭޝަންތަކުން ރެކޯޑުކުރެވުނު އެންމެ މަތީ ފިނިހޫނުމިން ވެސް އާންމު މިންގަނޑަށް ވުރެ މަތިވެފައިވާ ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ. ޖެނުއަރީން ސެޕްޓެމްބަރަށް ވާރޭވެހުނު މިންވަރު އެކި ސަރަހައްދުތަކަށް ތަފާތުވެފައިވާއިރު، ބައެއް ހިސާބުތަކަށް އާންމުކޮށް ވެހޭ ވަރަށް ވުރެ އިތުރަށް އަދި އަނެއްބައި ހިސާބުތަކަށް ވިއްސާރަވި މިންވަރު ދަށްކަމަށް ވެސް މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެލްނީނޯގެ ސަބަބުން ކުރާނެ ބޮޑެތި އަސަރުތައް ހާމަކޮށް މެޓުން ބުނީ މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި އާންމުކޮށް ހޫނުމިން ހުންނަ ވަރަށްވުރެ އިތުރަށް ހޫނުގަދަވާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީއާ ހަމައަށް ރާއްޖެއަށް ވާރޭވެހޭ މިންވަރު އާންމު އެވްރެޖަށްވުރެ ދަށްވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މެޓުން ބުނީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސްވެރިކަމަށާއި، ފަރުތަކުގެ މުރަކަތަކަށް ނޭދެވޭ އަސަރުކުރާނެކަމަށެވެ. އަދި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށްވެސް މީގެ އަސަރު ފޯރާނެކަމަށް މެޓުން ވަނީ ބުނެފައެވެ. އެހެންކަމުން މި ދުވަސްވަރު ދިމާވެދާނެ ގޮންޖެހުންތަކުން ރައްކާތެރިވުމަށާއި، ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ދުރާލާ ތައްޔާރުވުމަށް އާންމުންނަށާއި ކަމާބެހޭ ދާއިރާތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ މޫސުމަށް އިންޑިއަން އޯޝަން ޑައިޕޯލް އަދި މެޑަން ޖޫލިއަން އޮސިލޭޝަން ފަދަ މޫސުމީ ހާލަތްތަކުގެ ސަބަބުން ވެސް ބަދަލުތައް އަންނަކަން މެޓުން ވަނީ ފާހަގަކޮށްފައެވެ.