ތިން ދުވަސް ވަންދެން މެދުނުކެނޑި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ 50 ޑިސްޓްރިކްޓް ކާރިސާގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
މިގޮތަށް ކަނޑައެޅުމާއެކު، ހާލަތާ ގުޅިގެން ފިޔަވަޅު އެޅުމުގެ ބާރު އާންމު އިދާރާތަކަށް ލިބިގެންދާނެއެވެ. ބެންކޮކްގެ ގަވަރުނަރު ޗަޑްޗާޓް ސިއްޓިޕުންޓް ވިދާޅުވި ގޮތުގައި، ބުރާސްފަތި ދުވަހުގެ މެންދުރުފަހުން ފެށިގެން އެ ސަރަހައްދަށް ވަނީ ގާތްގަނޑަކަށް 300 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މެދުނުކެނޑި ވާރޭވެހުމުގެ ސަބަބުން މަގުތަކާއި ކޯރުތައް ފުރި، ގިނަ ގެތަކަށާއި ފިހާރަތަކަށް ވަނީ ފެން ވަދެފައެވެ. އަދި ބޮޑެތި މަގުތަކުގައި ފެންބޮޑުވެ، ދުއްވާ އެއްޗެހި ނުދުއްވި މަގުމައްޗަށް ދޫކޮށްލާފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އާންމުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ގަވަރުނަރު ވިދާޅުވި ގޮތުގައި، ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ސިޓީގެ އިރުމަތީ ފަރާތަށެވެ.
ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް ކޯރުތައް ފުރިފައިވުމުން އެކަމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ. ތައިލެންޑުގެ ސަރުކާރުން ބުނި ގޮތުގައި، ފެންބޮޑުވުމުގެ ހާލަތު މިހާރު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އިތުރަށް ވާރޭ ނުވެހި އޮތް ނަމަވެސް، ފެންގަނޑު އެއްކޮށް ހިއްކުމަށް ދެތިން ދުވަސް ނަގާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި، އުސް ސަރަހައްދުތަކަށް ކާރުތައް ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ. މީގެ އިތުރުން، އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހާ ހަމައަށް އެމްއާރްޓީ ޓްރެއިން ސްޓޭޝަންތަކުގެ ޕާކިން ސަރަހައްދުތަކުގައި ހިލޭ ކާރު ޕާކުކުރެވޭނެ އިންތިޒާމު ބެންކޮކްގެ ޕަބްލިކް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހަމަޖައްސައިދީފައެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ އާންމުކޮށް މޫސުމީ ވިއްސާރައިގައި މަދު ގަޑިއިރުތަކަކަށް ވާރޭވެހި ފެންބޮޑުވާ ފަދަ ހާލަތެއް ނޫނެވެ. މިއީ ބުރާސްފަތި ދުވަހުން ފެށިގެން މުޅި ސިޓީއަށް މެދުނުކެނޑި ވެހެމުންދާ ވާރޭއެއް ކަމަށް އެ ނޫހުން ފާހަގަކުރެއެވެ. ބެންކޮކްގެ އުތުރުގައި ދިރިއުޅޭ އުމުރުން 67 އަހަރުގެ އަންހެނަކު އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި، އޭނާގެ ފިހާރައަށް ފެން ވަނުމުގެ ސަބަބުން ފިހާރަ ބަންދުކުރަން ޖެހުނުތާ ދެ ދުވަސް ވެއްޖެއެވެ. އަދި ފެންގަނޑު އުނަގަނޑާ ހަމައަށް ބޮޑުވެފައިވާއިރު، މިއީ 2011 ވަނަ އަހަރުގެ ފެންބޮޑުވުމަށް ވުރެ ގޯސް ހާލަތެއް ކަމަށް އޭނާ ބުންޏެވެ.
ތައިލެންޑުގައި 2011 ވަނަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި 500 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް މިލިއަން ގެއަކަށް ގެއްލުން ލިބުނެވެ. ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް ޑިޒާސްޓަރ ޕްރިވެންޝަން އެންޑް މިޓިގޭޝަނުން ވަނީ އާދީއްތަ ދުވަހާ ހަމައަށް އެ ގައުމުގެ އިރުމައްޗާއި، އިރުއުތުރު އަދި މެދުތެރޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ކުއްލިއަކަށް ފެންބޮޑުވުމާއި، ކިސަޑު ފޭބުމުގެ އިތުރުން ކޯރުތައް ފުރިގެން ބަންޑުންވުމުގެ ނުރައްކާ އޮތް ކަމަށް އެ އިދާރާއިން ވަނީ އިންޒާރުދީފައެވެ.
