ބަރަކާތްތެރި ރަމަޟާން މަސްވެސް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔަމުންދާއިރު، އާދަކާދައިގެ މަތިން ކަރާފަންޏަށް ބަރޯސާ ނުވެ ކަޅު ސައި ބުއި މީހުން ވަކި މަދެކޭ ނުދެންނެވޭނެއެވެ.

ރަސްމީ ސައިގަޑިއެއް ނޫނަސް، އެކި ވަގުތުތަކުގައި ސައިބުއިމަކީ އަހަރުގެ ކޮންމެ ހިސާބަކަށް ބަލާލި ކަމުގައި ވީނަމަވެސް ދިވެހިންގެ ތެރޭގައި ވައިގައި ހިފަމުން އަންނަ ސަގާފަތެކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ސުޕާމާޓެއްގެ ސައި ހަރުގަނޑަށް ބަލާލުމުން އެކަނިވެސް މިކަމަށް ހެކިލިބެއެވެ. މީހުން ގަޔާވަނީ ހަމައެކަނި ކަޅުސަޔަށް ނޫންކަމާ، ގުދުރަތީ އެކި ކަހަލަ މާއްދާތަކުން މުއްސަނދިކޮށްފައިވާ ސައިފަތް ފެންނަން ހުރުމަކީ މިކަމުގެ އަނެއް ހެއްކެވެ.

ކަޅުސައިތައްޓެއް އަޅަނީ/ފޮޓޯ: ކޮއިންޓެލެގްރާފް

ކަންމިހެން އޮތްއޮރި، ސަޔާ ބެހޭ ގޮތުން އެނގެނީ ކިހާ މިންވަރަކަށް ތޯއެވެ. މި ހިއްސާކޮށްލަނީ ސަޔާ ބެހޭ އާދަޔާ ހިލާފު، ލުއި މައުލޫމާތު ކޮޅެކެވެ.

އާދައިގެ ކަޅުސައިތައްޓަކަށް ބަލަމާ ހިނގާށެވެ. މިއީ ގާތްގަނޑަކަށް 0.45 ލީޓަރެވެ. ނުވަތަ ޕައުންޑެކެވެ. ހެޔޮވަރު ވަރެއްގެ ސައިތައްޓެއްގައި ރަނގަޅަށް ކުލަ ޖެހޭނީ ގާތްގަނޑަކަށް 2000އެއްހާ ސައިފަތްކޮޅުންނެވެ.

ލިސްޓުގެ 1 ނަންބަރުގައި ފެން އޮތްއިރު، މުޅި ދުނިޔެއަށް ބަލާއިރުވެސް 2 ވަނައަށް އެންމެ ގިނަ މީހުން ބޯ ބުއިމަކީވެސް ސައެވެ. ކަޅުސައޭ ބުންޏަސް، 3000އަށްވުރެ ގިނަ ބާވަތުގެ ސައި، މިއަދު ދުނިޔޭގެ އެކި ހިސާބުތަކުން ލިބެން އެބަހުއްޓެވެ.

ތުންތުން މަތިން ދެކެވެމުން އައިސްފައިވާ ބައެއް ވާހަކަތަކަށް ބަލާއިރު އެންމެ ފުރަތަމަ "ސައި" ހޯދީ ޗައިނާގެ އެމްޕަރާއެއްކަމަށްވާ ޝެން ނަންގްއެވެ. އޭނާއަށް "ސައި" ފެނުނީ ގޮތް ނޭނގޭ ގަހެއްގެ ދަށުގައި، ކެކިކެކި ހުރި ފެން އެއްޗެއް ހިފައިގެން އިން ޝެން ގެންގުޅުނު ބޯތަށިތެރެއަށް ފަތްތަކެއް ވެއްޓުމުން، އެ އުކާލާ ނުލާ ބޯލި ހިސާބުންނެވެ.

އާދައިގެ ކަޅުސައިން ފެށިގެން ގޮސް، ވައިޓް ޓީ، ގްރީން ޓީ އައި އޫލޯންގް ޓީއަށް ބެލިކަމުގައި ވީނަމަވެސް މި ހުރިހާ ސައިފަތެއް އުފެދެނީ 1 ގަހުގައެވެ. ތަފާތުވަނީ ސައިފަތް ބިނދެ، ޕްރޮސެސް ކުރާ ގޮތެވެ.

ސައި ތައްޓެއް/ފޮޓޯ: ހެލްތްލައިން

ސައިފަތް ދަނޑުތައް އެންމެ ތިޔާގީ އަވަށްޓެރި ސްރީލަންކާގައި ނަމަވެސް، ސައި ބޯ މީހުން އެންމެ ގިނައީ އިނގިރޭސިވިލާތުގައެވެ. އިނގިރޭސިވިލާތުގެ އާންމު މީހަކު، އެވަރޭޖުކޮށް އަހަރެއްގެ މައްޗަށް 1000 އެއްހާ ޖޯޑު ސައިބޯކަމަށްވެއެވެ.

ސައިފަތުގެ ވިޔަފާރި ފުޅާވަމުން ގޮސް، ދުނިޔޭގެ އެކި ހިސާބުތަކުން 52 ގައުމުގައި ސައިފަތް ހައްދައެވެ. ނަމަވެސް އެންމެ ދުވަސްވީ ސައިފަތް ގަސް ހުރީ ޗައިނާގައި ކަމަށް ބުނެވެއެވެ.

މަދިރީގެ އުނދަގުލުން ސަލާމަތްވުމަށްވެސް ސައިފަތް ވަރެއް ނެތްކަމަށް ބުނެއެވެ. ވަކިން ހާއްސަކޮށް ގްރީންޓީ ސައިފަތަކީ މަދިރި ދުރުކޮށްދޭ އެއްޗެކެވެ. އާންމު ބުއިމެއްގެ ގޮތުގައި ސައިބޯން ފެށުމުގެ ކުރިން، ސައިފަތުގެ ބުއިމަކީ ސިއްހީ ބޭސްފަރުވާގެ ބާވަތެކެވެ.

ހަމަމިއާއެކު ސަޔަކީ ރައްކާކުރަންވެސް އުނދަގޫ އެއްޗެކެވެ. ސައިފަތަކީ އޭގެ ވަށައިގެންވާ ހުރިހާ ވަހެއް އެއަށް ދަމައިގަންނަ އެއްޗެކެވެ. އެހެންކަމުން ސައިފަތް ރައްކާކުރަން ވާނީ ވައި ނުވަންނަ ފަދަ ގޮތަކަށް ވަރުގަދައަށް ބަންދުކުރެވޭ އެއްޗެއްގައެވެ. މި އެއްޗެއް ބަހައްޓަންވާނީ އާންމު ވެށީގެ ފިނިހޫނު މިނުގައެވެ. ނުވަތަ ރޫމް ޓެމްޕަރޭޗާގައެވެ. އެހެން ނޫންނަމަ ސައިފަތުގައި ތެތްކަމެއް އަށަގަނެ، ސައިފަތް ނުބައިވާގޮތްވެދާނެއެވެ.