ޖޭއެސްސީގައި ތިއްބެވި ބޭފުޅުން ބަދަލު ކުރިޔަސް ގިނަ މައްސަލަތަކައް ހައްލެއް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިހެން ވިދާޅުވެ އުޝާމް ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖޭގެ ޖުޑިޝަރީއަށް ހައްލު ލިބެން އޮތީ ސިޔާސީ ނުފޫޒުން ޖޭއެސްސީ އެއްކިބާކޮށްގެން ކަމަށެވެ. އަދި މިކަން ކުރެވޭނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށްގެން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އުޝާމް ގެ ޓްވީޓަށް ރައްދު ދެމުން ބައެއް މީހުން ބުނެފައި ވަނީ ޖުޑިޝަރީ ގެ މައްސަލަތައް ހައްލު ކުރެވެން އޮތީ ރައީސް ނަޝީދު، ހިސާން އަދި ރިއްފަތު ޖޭއެސްސީއިން ބޭރުކޮށްގެން ކަމަށެވެ. އަދި ބައެއް މީހުން ވަނީ އުޝާމް ވިދާޅުވާ ބަދަލަކީ ކޮބާތޯވެސް ސުވާލު ކޮށްފައެވެ.

ޖޭއެސްސީ މިހާރު އެކުލަވާލައިފައި ވާ އޮނިގަނޑަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރަކާ، ހައިކޯޓުގެ ފަނޑިޔާރަކާ، ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރާ ފަނޑިޔާރަކާ، މަޖިލީހުގެ ރައިސާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ ފަރާތަކާ، ސީއެސްސީ ގެ ރައީސާއި، ބަންޑާރަ ނައިބާއި، ވަކީލުންގެ ތެރެއިން އިތިހާބުކުރާ ފަރާތެއްގެ އިތުރުން ރައީސް އައްޔަން ކުރައްވާ ބޭފުޅެކެވެ.