ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކްގައި ކުޑަ އަންހެން ކުއްޖަކު ވިއްކަން އިއުލާންކުރި މައްސަލައަކީ ޖިނާއީ މައްސަލައެއް ކަމަށާއި އެ މައްސަލައިގެ ޝަރީއަތް ފަށައި ފުރަތަމަ އަޑުއެހުން ވެސް ނިމިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް2 ގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި، އެ ކުއްޖާގެ މަންމަ ވަނީ ސޯޝަލް މީޑިއާ ޕްލެްޓްފޯމެއްގައި 13 އަހަރުގެ އަންހެންކުއްޖަކު ވިއްކާލަން ޖަހާފައިވާކަމަށާއި، އެ މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލާފައިވާކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފައެވެ. އަދި އެ މައްސަލައިގައި އޭނަ ނުދާ ސަރުކާރުގެ އިދާރާއެއް ނެތްކަން ހާމަކޮށް، އެ އަންހެން މީހާ ބުނީ ރައީސްގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތުމުން އެ މައްސަލަ ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދިޔަ ކަމަށެވެ. އެކަމަކު އޭނާގެ ދަރިފުޅަށް މިފަދަ ކަމެއް ދިމާވުމުން އެ މައްސަލަ ކުރިއަށް ނުދާކަމަށް ބުނެ އެމީހާ ވަނީ ފާޑުކިޔާފައެވެ.

މިކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ އެ މައްސަލާގައި ހިމެނޭ މީހާ ދޫކޮށްލާފައި ހުރި ކަމަށް މީޑިއާ އިން އެމަނިކުފާނަށް ފެނިވަޑައިގަތުމުން، އެކަމުގެ ތަފްސީލް ހޯއްދެވި ކަމަށެވެ. އެ ވަގުތު އެމީހާ ދޫކޮށްލާފައި ހުރި ނަމަވެސް އޭނާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ފުލުހުން ތަހުގީގު ހިންގާފައިވާކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެ މައްސަލާގައި އޭނާއަށް ޖިނާއީ ދައުވާވެސް ކޮށްފައިވާ ކަން އެނގިވަޑައިގަތް ކަމަށެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވެސް މިހާރު ބާއްވާފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ ކުޑަކުދިންނަށް އެކި ގޮތްގޮތުން ލިބޭ އަަނިޔާ އާއި ފުރައްސާރައިގެ މައްސަލަތައް ބެލުމުގައި ސަރުކާރުން އިސްކަން ދެއްވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ އެއްވެސް ކުއްޖަކު ތަފާތު ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވެސް ކުޑަކުދިން ތަފާތު ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އެ ހާދިސާގައި ސަރުކާރުގެ ފަރާތުން އެއްވެސް އިހުމާލެއްވެފައި ނެތް ކަމަށެވެ.