ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް އެއްވެސް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

އެ ކައުންސިލުން މިހެން ބުނެފައި ވަނީ ދިފާއީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ހެކިންނަށް ބިރުދައްކާ ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓެއްގައި ބުނުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ބާ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ކްރިމިނަލް ކޯޓުގެ ޝަރީއަތެއް ނިންމި ގޮތުގެ ރިޕޯޓެއްގައިވާ އެ އިބާރާތަކީ ހެއްކެއްގެ މައްޗަށް ގާނޫނީ ވަކީލެއްގެ ފުށުން ހިނގާފައިވާ ވަކި އަމަލެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި، ޖިނާއީ އަދުލުގެ ނިޒާމުގައި ދިފާއީ ވަކީލުންގެ ގޮތުގައި ބުރަކޮށް މަސައްކަތްކުރާ މަދު ގާނޫނީ ވަކީލުންނަށް އަމާޒުވެގެން ދިޔަ ކަމެއް ކަމަށެވެ.

އަދި އެ މައްސަލައިގެ ހުކުމާ ގުޅިގެން ބައެއް މީޑިއާތަކުގައި ހަބަރު ފަތުރާފައިވާ ގޮތުން ދިފާއީ ވަކީލުންނާ މެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދިފައިވާކަމަށާއި އަދި ދިފާއީ ވަކީލުންނަކީ ކުށުގެ އަމަލު ހިންގާ ބައެއް ގޮތުގައި ސިފަކުރެވިގެން ގޮސްފައިވާ ކަމަށް، ބާ ކައުންސިލުން ބުންޏެވެ.

އަދި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އޮންނަ ހައްގު ފޯރުކޮށްދޭ ވަކީލުންނަށް ނިސްބަތްކޮށް އެއީ ކުށްވެރިން ކަމަށް އާންމުންނަށް ދޭހަވާ ގޮތަށް އެއްވެސް ހެތްކެއް ނެތި ތުހުމަތުކުރި ކަމަށް ބުނެ، އެކަން ކުށްވެރިކޮށް ބާ ކައުންސިލުން ބުނީ، މިހާރުވެސް ވަކީލުންގެ ސުލޫކާ ގުޅޭ މައްސަލަތައް ބަލައި އެ ކައުންސިލުން ފިޔަވަޅު އަޅަމުން އަންނަކަމަށެވެ.

"ވަކީލުންނަކީ ކުށްވެރިން ކަމަށް ނުވަތަ ކުށުގެ އަމަލު ހިންގާ ފަރާތެއް ކަމަށް އާންމުންނަށް ދޭހަވާ ގޮތަށް އެއްވެސް ހެއްކަކާ ނުލައި ދައުލަތުގެ އެއްވެސް އިދާރާއަކުން ކޯޓަކުން ނުވަތަ އާންމު ފަރާތަކުން ވެސް އެފަދަ ތުހުމަތު ރައްދުކުރުން ބާ ކައުންސިލުން ކުށްވެރި ކުރަމެވެ. އަދި އެއީ އިންސާފުވެރި ޝަރީއަތުގެ ހައްގަށް ހުރަސްއެޅިގެންދާނެ އަދި އަދުލު އިންސާފުގެ ނިޒާމާ މެދު އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކަމުގައި ވެސް ދެކެން
ބާ ކައުންސިލް

ނުރައްކާތެރި ކުށްތަކުގައި ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލުން ހެކިވެރިންނަށް އެކި ގޮތްގޮތުން ބިރު ދެއްކުން ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ވިދާޅުވީ، އެމްއެމްއޭ ކައިރީގައި ހަމަލާދީ އުމުރުން 19 އަހަރުގެ އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ޝަރީއަތާ ގުޅިގެންނެވެ.

އެކަމާ ކަންބޮޑުވުންފާޅުކުރައްވައި، ގާޒީ އަލީ އާދަމް އެ މައްސަލައިގެ ހުކުމްގައި ވިދާޅުވެފައިވަނީ މިފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ނިސްބަތްވާ ގްރޫޕްގެ މީހުންނާއި އެ ފަރާތްތަކުގެ އާއިލާއިންނާއި ދިފާއީ ގޮތުން ވަކާލަތުކުރައްވާ ވަކީލުން އެކި ގޮތްގޮތުން ހެކިންނަށް ބިރުދައްކައި ފުރާނައަށް ނުރައްކާވާނޭ ފަދަ ހަމަލާއެއް ދޭނެ ކަމަށް އިންޒާރުދޭ ކަމަށެވެ.