ދ ކުޑަހުވަދޫ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އޮފީހުގެ ތިޖޫރީ ފަޅާލާ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ކުޑަހުވަދޫގައި ހުންނަ މީރާ އޮފީސް ފަޅާލައި އެތާ ހުރި ތިޖޫރީ ވަގަށް ނަގާފައިވާ ކަމަށް މިއަދު ހެނދުނު 9:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި ތިޖޫރީގައި 1500 ދިވެހި ރުފިޔާ އަދި 100 ޑޮލަރު ހުރި ކަމަށެވެ. އަދި 4682 އެކިވަރުގެ ރެވެނިއު ސްޓޭމްޕާއި އަހަރީ ފީގެ 50 ސްޓިކާ އަދި 62393 ރުފިޔާގެ ހަތަރު ޗެކް ހުންނާނެ ކަމަށް އެ ރަށު މީރާ އޮފީހުން މައުލޫމާތު ލިބޭ ކަމަށެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ދާއިރު މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްރު ކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ އާންމުންގެ މުދަލާއި ފައިސާ ރައްކާތެރި ކުރުމަށް ގިނަ މަސަތްކަތްތަކެއް ކުރަން ފަށާފައެވެ. ނަމަވެސް މިފަހަކަށް އައިސް ވައްކަމާ ފޭރުމުގެ މައްސަލަތައް ވަނީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް އިތުރު ވެފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު، ގދ ރަތަފަންދޫ ފިހަރައެއް ފަޅާލައިގެން 20900 ރުފިޔާ އާއި، 412 ޑޮލަރުގެ އިތުރުން 10 ޔޫރޯ އަދި ދެ ކާޓުން ސިނގިރޭޓް ނަގާފައިވާއިރު، ނިމިދިޔަ ހަފްތާ ތެރޭގައި އެ އަތޮޅު، ވާދޫ، ފަރެސް މާތޮޑާ އަދި ތިނަދޫން ވެސް ވައްކަމުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ.