ސިނަމާލެ ބުރިޖު ހައިވޭގައި ބަޔަކު މެރަތަން އަކަށް ދުވާ މަންޒަރު ފެންނަ ވީޑިއޯ އެއް އާންމުވެއްޖެއެވެ.

ރޭގަނޑުގެ ވަގުތެއްގައި މެރަތަން އަށް ދުވާ ހަތަރު މީހަކު ހައިވޭގެ ސައިކަލަށް ހާއްސަ ލޭނު ގައި ދުވެފައި ދާ މަންޒަރު މި ވީޑިއޯއިން ފެނެއެވެ. މި 4 މީހުންގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާ ދެ ފިރިހެނުންނެވެ. އެމީހުން ދުވެފައި ދާއިރު ހައިވޭއިން ސައިކަލުގައި ދުއްވާފައިދާ މިހުންވެސް އެ ވޯޑިއޯއިން ފެނެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ފުލުހުން ބުނީ އެ މީހުންނަކީ މެރެތަންއަށް ދުވާ ބައެއް ކަމަށާއި އެކަން ފުލުހުންނަށް އެމީހުން ވަނީ އަންގާ ހުއްދަ ހޯދާފައި ކަމަށެވެ. ނަމަވެސް އެމީހުންނަށް ހުއްދަ ދީފައިވާ ގޮތާ ހިލާފުވެ އެމީހުން ދުވެފައިވަނީ ސައިކަލު ދުއްވަން ހާއްސަ ކޮށްފައިވާ ލޭނުގައި ކަމުން، މި މައްސަލަ ފުލުހުން ބަލަމުން ދާކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ރާއްޖޭގައި އެކި މުނާސަބާތައް ފާހަގަކުރުމުގެ ގޮތުގައި ދުވުންތައް ބޭއްވުމަކީ އާންމުކަމެވެ. މިގޮތުން ހުޅުމާލޭގެ މަގުތަކުގައާއި ހައިވޭ އަދި ބުރިޖު މަތީގައި މިފަދަ ދުވުންތައް ކުރިއަށް ގެންދާ ތަން އާންމުކޮށް ފެނެއެވެ. ބުރިޖު އަދި ހައިވޭ އަކީ މާލޭގައި ގިނައިން މަގުމަތީގެ އެކްސިޑެންޓްތައް ހިނގާ ސަރަހައްދަކަށް ވެފައި ގަވާއިދާ ހިލާފަށް މިފަދަ ކަންކަން ކުރުމަކީ ބައެއްގެ ފުރާނައަށް ގެއްލުން ވާފަދަ ނުރައްކާތެރި ހާދިސާ އެއް ހިނގުމަށް މަގުފާނެ ކަމެކެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް މިފަދަ ކަންތައްތަކަށް ސަމާލުވާން ޖެހެއެވެ.

މިކަމާ ޓްވިޓާގައި ނުރުހުން ފާޅުކުރަމުންދާ އާންމު މީހަކު ބުނެފައިވަނީ، މިފަދައިން މަގު މެދުން ދުވާ ދުވުންތެރިނާ ދޭތެރޭ ޝަކުވާ ކުރާ ކަމަށެވެ. އެހެން ނަމަވެސް މިފަހަރު ފެނިގެންމިދަނީ "ނެކްސްޓު ލެވަލް" ކަމަށް އެމީހާ ބުނެފައިވެއެވެ.

އަދި އެހެން ފަރާތްތަކުން ބެފައިވަނީ މިއީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި މިކަމަކީ ނުރައްކާތެރި ކަމެއްކަމަށެވެ. އަދި ހައިވޭ ތަކުގައި ދުވުމަކީ މަނާ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ.