ފަރީދީ މަގުގައި ހުރި ގަހަކުން ބޮދު ގޮފިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:57 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ، މި ގޮފިގަނޑު ވެއްޓުނީ ފަރީދީ މަގުގައި ހުންނަ ނޮވެލްޓީ ބުކްޝޮޕް ކުރިމައްޗަށް ކަމަށެވެ. މި ގޮފި ގަނޑު ވެއްޓުމުގެ ސަބަބުން އެ ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ސައިކަލުތަކަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވީ ބަންގްދަލޭޝް ފިރިހެނަކަށް ކަމަށާއި، އެމީހާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށެވެ.

ރާއްޖެއަށް ކުރަމުން ދާ ވިއްސާރައިގައި މިއަދު ހެނދުނު ހދ. މަކުނޫދޫ ދެގެއެއްގެ ފުރާޅު ވަނީ އުކާލާފައެވެ. މީގެ އިތުރުން ވައިގަދަވުމުގެ ސަބަބުން، އެ ރަށު ސްކޫލުގެ ފާރު މައްޗަށާއި މަގުމައްޗަށް ވަނީ ބޮޑު ގަހެއްވެސް ވެއްޓިފައެވެ. މެޓް އޮފީހުން ބުނީ ވޭތުވެ ދިޔަ 24 ގަޑިއިރު ގައި ހދ. މަކުނުދޫ އަށް 8 މޭލާއި 18 މޭލާ ދެމެދު ވައިގަދަވެފައިވާ ކަމަށާއި އަދި ވިލާގަނޑަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރާ ކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ ގުގުރުމާއި އެކު ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވާ އިރު، އެންމެ ބޮޑަށް ވިއްސާރަ ކުރާނީ މެދުރާއްޖެތެރޭގެ ރަށްތަކަށް ކަމަށާއި އެ ސަރަހައްދަށް 15 މޭލާއި 30 މޭލައި ދެމެދުގެ ބާރު މިނުގައި ވައި ގަދަވެފައިވާ ކަމަށް އެފަރާތުން ބުނެއެވެ.