ގދ. އަތޮޅުން ވައްކަމުގެ މައްސަލަ ތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގދ. ވާދޫ އިން ނޮކިއާ 3.1 ގެ ފޯނެއް ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 38 އަހަރުގެ މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އޭނާ ވަގަށް ނަގާފައިވާ ފޯނު ވަނީ ފުލުހުން ކުރި ތަހުގީގުން ހޯދައި، ފޯނުގެ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރި މީހާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 12 ދުވަސް ޖަހާފައި ކަމަށެވެ.
ގދ. ފަރެސް މާތޮޑާއިން މިމަހުގެ 26 ވަނަ ދުވަހު ސަމްސެންގް ޖޭ2 ފޯނެއް ވަގަށް ނަގާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައާ ގުޅިގެން 26 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފައި ވާކަމަށް މައުލޫމާތު ދެއެވެ. އަދި އޭނާ ވަގަށް ނަގާފައިވާ ފޯނު ފުލުހުންގެ ތަހުގީގުން ހޯދައިފައި ވާކަމަށާ، މި މައްސަލަ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.
އަދި ފަތިހުގެ ވަގުތެއްގައި ގދ. ތިނަދޫ ގެއަކަށް ވަދެ ކައްކާ ގޭސް ފުޅިއެއް ވަގަށް ނަގާފައި ވާކަމަށާ މި މައްސަލައާ ގުޅިގެން 25 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ގޭސް ފުޅި ވަގަށް ނެގި މީހާ ގޭސްފުޅި ފުލުހުންނާ ހަވާލުކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ގދ. ތިނަދޫ މަގުމަތިން ބައިސްކަލެއްގައި ދިޔަ އިންޑިއާ ފިރިހެނެއްގެ އަތުން ސައިކަލެއްގާ ދިޔަ ދެ ފިރިހެނަކު ވަނީ ފޯނެއް ފޭރި ގަނެފައިކަމަށް ފުލުހުން ބުނެއެވެ. އަދި އެ ދެ މީހުންގެ ތެރެއިން 35 އހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާ އަނެއް މީހާ ފިލާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ ހޯދުމުގެ މަސަތްކަތް ކުރަމުން ދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ރަމަޟާން މަހު ވައްކަމާ ފޭރުމުގެ މައްސަލަތައް އިތުރުވަމުން ދާކަމަށް ފުލުހުން ބުނެއެވެ.