ހއ. ހޯރަފުށީ ގެއަކުން އެކި ފަހަރުމަތިން އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 35 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 33 އަހަރުގެ ފިރިހެނަކާ 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ކުރި ތަހްގީގުން ގެއްލިފައިވާ ފައިސާގެ ތެރެއިން 10،950 ރުފިޔާ ހޯދިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ބާކީ ހުރި ފައިސާތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 35 އަހަރުގެ މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރި އަނެއް 3 މީހުންނަށް 7 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަނުން މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.

މި ހަފްތާ ތެރޭގައި ފ. ދަރަނބޫދޫ ގެއެއްގައި 3 މީހަކު ހައްޖަށް ދިއުމަށްޓަކާ ރައްކާކޮށްފައިވާ ތިން ލައްކަ ރުފިޔާ ވެސް ވަނީ ވަގަށް ނަގާފައެވެ. ފުލުހުން ވަނީ ވައްކަމާ ފޭރުމުގެ މައްސަލަތައް ގިނަވަމުން ދާކަމަށާއި މިފަދަ ކަންކަން ހުއްޓުވުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުން ދާކަމަށް ބުނެފައެވެ.