ގޭގެއަށް ވަންނަ ވަރަށް ތ. އަތޮޅުގެ 4 ރަށަކަށް ވާރޭ ވެހި ފެން ބޮޑުވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުއްޓާނުލައި ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެފައި ވަނީ އެއަތޮޅު ވޭމަންޑޫ، ތިމަރަފުށި، ކިނބިދޫ އަދި އޮމަދޫގައި ކަމަށާ ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުމުގެ މަސަތްކަތް ކުރަމުން ދާކަމަށެވެ.

ތ. ތިމަރަފުށީގައި ފެން ބޮޑުވުމުގެ ސަބަބުން ފުލުހުންނާ ސިފައިން ގުޅިގެން ޕަންޕު ޖައްސައިގެން ފެން ހިއްކުމުގެ މަސަތްކަތް ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ. އަދި ރަށުގައި އިތުރަށް ފެން ބޮޑުވިޔަ ނުދިނުމަށް ކޯރު ކޮނުމުގެ މަސަތްކަތް ކުރަމުން ދާކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މިއަދު ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑު ވުމުގެ ސަބަބުން ވޭމަންޑޫގައި ފުލުހުންނާއި ރައްޔިތުން އަދި ކައުންސިލުން ގުޅިގެން ފެން ބޭރުކުރުމަށް ކޯރު ކަޑައިފައި ވާކަމަށް ފުލުހުން ބުނެއެެވެ.

ގޭގެއަށް ފެން ވަނަ ނުދިނުމުގެ މަސައްކަތް ފުލުހަކު ކުރަނީ / ފޮޓޯ: ޕޮލިސް

ތ. އޮމަދޫގައި ފެން ބޭރުކުރުމަށް ރަށުގެ 4 ސަރަހައްދެއްގައި ފުލުހުންނާ ކައުންސިލުން ގުޅިގެން ކޯރު ކަނޑައިފައި ވާކަމަށް ފުލުހުން ބުނެއެވެ.

އަދި އޮމަދޫގައި ފެން ބޮޑުވަމުން ދާކަމުގެ މައުލޫމާތު އެރަށު ކައުންސިލުން ދީފައި ވާކަމަށާ މިހާރު އެރަށަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިއުމަށް މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މެޓް އޮފީހުން ވަނީ ފ. އަތޮޅުން ދެކުނަށް ތ. އަތޮޅު ހިމެނޭހެން 7 އަތޮޅަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ޔެލޯއެލާޓެއް ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގާ ކުރިޔަށް އޮތް 24 ގަޑިއިރު އެންމެ ގަދަޔަށް ވިއްސާރަ ކުރާނީ މެދުރާއްޖެ ތެރެއާ ދެކުނުގެ އަތޮޅުތަކަށެވެ. މީގެ އިތުރުން މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.