މަޖީދީ މަގުގައި ހުންނަ މާލެ ގްރޭންޑްގެ 4 ވަނަަ ފަންގެފިލާއިން ވެއްޓުނު ބިއްލޫރި ގަނޑަކުން ޖެހި މީހަކަސް އަނިޔާވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބިއްލޫރި ގަނޑުން ޖެހި 36 އަހަރުގެ އަންހެނެއްގެ އަތް ކުޑަކޮށް ކަފައިގެން ގޮސްފައި ވާކަމަށާ އޭނާއަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާކަމަށެވެ. މި ހާދިސާގައި އިތުރު މީހަކަށް އަނިޔާ ވެފައި ނުވާކަމަށް ފުލުހުން ބުނެއެވެ. މިއީ މާލޭ ގްރޭންޑްގައި ހިނދި މިފަދަ ދެވަނަ ހާދިސާއެވެ. ކުރީ ހާދިސާއެއްގައި ކުޑަ ދޮރެއްގެ ބިއްލޫރިތައް ވަނީ ތެޅިގެން ފައިބާފައެވެ.

ބިއްލޫރިގަނޑު ވެއްޓި އަންހެނަކަށް އަނިޔާވިކަމަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 12:10 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.

މީގެ ކުރިންވެސް ވަނީ މާލޭގެ އިމާރާތްތަކުން އެއްޗިހި ވެއްޓި މީހުންނަށް އަނިޔާވެފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ކޮތަޅަކުން ޖެހި ވަނީ އިންޑިއާގެ ކުޑަ ކުއްޖަކު ނިޔާވެފައެވެ.

މަގުތައް މައްޗަށް ވެއްޓޭނެ ގޮތަށް އެއްވެސް އެއްޗެއް ނުބެހެއްޓުމަށާ، މަސަތަކަތް ކުރާ ތަންތަނުގައި ހާއްސަކޮށް މިފަދަ ކަންކަމަށް ބެލުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.