ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ 6 ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ މެންދުރު 12:00 އިން ފެށިގެން 15:00 އަށް ފ. އަތޮޅުން ފެށިގެން ގއ. އަތޮޅާ ދެމެދަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް 24 ގަޑިއިރު އެންމެ ގަދަޔަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ ދެކުނާ މެދު ރާއްޖެތެރެއަށް ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގަދަޔަށް ވިއްސާރަކޮށްފައި ވަނީ ހުވަދު އަތޮޅާއި، ހައްދުންމައްޗަށް ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

މެޓް އޮފީހުން ވަނީ މޫސުން ގޯސްވެ ވިލާގަނޑުގައި ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މެޓް އޮފީހުން ބުނީ އެ އޮފީހުގެ ހޮޓްލައިނަށް ގުޅުމުން ކަނޑު ދަތުރުކުރާ ފަރާތްތަކަށް މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދެމުން ދާނޭކަމަށެވެ.