15 އަހަރުގެ ކުއްޖާ މިމަހުގެ ތެރޭގައި ވިހޭ ދަރިފުޅު މަރުވި ގޮތް ދެނެގަތުމަށް ޕޯސްޓުމޯޓަމް ހެދުމަށް ފަހު، ވަޅުލައިފިއެވެ.

އުތުރުގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ވިހޭ ތުއްތު ދަރިފުޅު މަރުވެފައި ވުމުން އެ ކަން ހިނގާ ދިޔަ ގޮތް ބެލުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ފުލުހުން ބުނެފައި ވަނީ އެކުއްޖާގެ ޕޯސްޓުމޯޓަމް ހަދާފައި ވަނީ އިންޑިއާގެ ބެންގަލޫރުގައި ކަމަށެވެ. ނަމަވެސް ޕޯސްޓުމޯޓަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން އެންމެ 15 އަހަރުގެ ކުއްޖާ ވިއްސާފައި ވަނީ އޭނާގެ މަންމަ އާއި ލޯބިވެރިޔާއެވެ. އޭކުއްޖާ ދިރިއުޅެމުން ދަނީ އޭނާގެ ލޯބިވެރިޔާއާއި އެކު އޭނާގެ މަންމަގެ ގޭގައި ކަމަށް މައުލޫމާތު ލިބެއެވެ.

މިމަހު 13 ވަނަ ދުވަހު ހިނގި އެ ހާދިސާގައި 15 އަހަރުގެ ކުއްޖާ ވިހައިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ އެދުވަހު ހެނދުނެވެ. ފުލުހުން އެކުއްޖާގެ ވަނަވަރެއްވެސް އަދި ރަށެއްވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ވިހައިގެން ހާލު ދެރަވެގެން އެރަށުން ސިއްހީ ފަރުވާވެސް ހޯދާފައިވެއެވެ.

މިފަހަކަށް އައިސް ކުށުގެ ވެށިން ކުޑަކުދިން ހައްޔަރު ކުރުން ގިނަކަން ފާހަގަ ކުރެވޭ އިރު ކުޑަކުދިން އުޅޭ ނޫޅޭގޮތް މައިންބަފައިން ބެލުމަށް ކަމާބެހޭ ފަރާތްތަކުން ތާއަބަދު އިލްތިމާސް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.