ރާއްޖޭގެ މޫސުން ގޯސް ވުމުގެ ސަބަބުން އެންމެ އުތުރުން ފެށިގެން 13 އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅާ ތ. އަތޮޅާ ދޭތެރެއަށެވެ. މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށާ ކަނޑު ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ ކުރިޔައް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނޭ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގަދަޔަށް ވިއްސާރަވެފައި ވަނީ ކ. ގާފަރަށް ކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން ކ. ގާފަރަ 77.9 މިލިމީޓަރުގެ ވާރޭ ވެހިފައި ވާކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތައް ފިޔަވާ އެހެން ހުރިހާ އަތޮޅު ތަކެއްގެ ކަނޑުތައްވެސް އާންމުގޮތެއްގައި ގަދަވާނެ ކަމަށާ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައްވެސް ވިލާގަނޑުގައި ގަދަ ވާނެކަމަށެވެ.

ހާއްސަކޮށް ކަނޑުދަތުރު ފަތުރު ކުރާ ފަރާތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އެއްވެސް ދަތުރެއް ކުރުމުގެ ކުރިން މެޓް އޮފީހަށް ގުޅާ މައުލޫމާތު އޮޅުން ފިލުވުމަށް މެޓް އޮފީހުން ވަނީ އިތިމާސްކޮށްފައެވެ.

މިއަދު 11:15 އިން ފެށިގެން ހަވީރު 4:00 އާ ހަމަޔަށް މެޓް އޮފީހުން ވަނީ ރ. އަތޮޅާ އައްޑު އަތޮޅާ ދެމެދަށް ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ބުނީ މިހާރު ކުރަމުން މިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާ މި ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.