ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ކުރިޔަށް އޮތް 6 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
އެ އިދާރާއިން ބުނީ ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ދެމެދަށް މިއަދު 11:15 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި ވިލާގަނޑަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.
މެޓް އޮފީހުން ބުނީ ވިލާގަނޑުގައި މެދު ރާއްޖެތެރެއާ ދެކުނުގެ ކަނޑުތައް ގަދަ ވާނެކަމަށެވެ. އަދި މި ސަރަހައްދުތަކުގައި ކަނޑު ދަތުރު ކުރަމުންދާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ކ. އަތޮޅު ގާފަރަށް މެދު ނުކެނޑި ވާރޭ ވެހެމުން ދާތާ 3 ގަޑިއިރު ވެފައި ވާކަމަށާ ގާފަރަށް 3 ގަޑިއިރު ތެރޭގައި 69.4 މިލިމީޓަރުގެ ވާރޭ މިހާތަނަށް ވެހިފައި ވާކަމަށް މެޓް އޮފީހުން ބުނެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް 6 ގަޑިއިރުތެރޭ ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވާރޭ ވެހޭނެ ކަމަށެވެ. މެޓް އޮފީހުން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެންމެ ގަދަޔަށް ވިއްސާރަ ކުރީ ރާއްޖޭގެ ދެކުނުން ގދ. ކާޑެއްދޫއަށް ކަމަށާ، ކާޑެއްދޫއަށް 34 މިލިމީޓަރުގެ ވާރޭ ވެހިފައި ވާކަމަށެވެ.
މެޓް އޮފީހުން ވަނީ ހުވަދު އަތޮޅާ އައްޑޫސިޓީ އާ ދެމެދަށް މިއަދު ގަދަޔަށް ވާރޭވެހި އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓެއް ވެސް ނެރެފައެވެ.