ބޭނުންވާނެ ތަކެތި

  • 1 ޖޯޑު ހިކި ކިރު
  • ½ ޖޯޑު އޯލް ޕާޕަސް ފްލާ
  • 1 ސައި ސަމްސާ ބޭކިން ޕައުޑާ
  • 3 މޭޒުމަތީ ސަމްސާ ގީ (ގީ ގެ ބަދަލުގައި މާޖިރީން/ބަޓަރު ވެސް ބޭނުން ކުރެވިދާނެ)
  • ¼ ޖޯޑު ކިރު

ހަކުރު ފެން ތައްޔާރު ކުރެއްވުމަށް ބޭނުންވާނެ ތަކެތި

  • 2 ޖޯޑު ފެން
  • 1 ޖޯޑު ހަކުރު
  • 7-8 ކާފޫރު ތޮޅި

ތައްޔާރު ކުރާނެ ގޮތް

ގްލާބް ޖާމް ތައްޔާރު ކުރުމަށް ތަށްޓަކަށް ހިކި ކިރު، އޯލް ޕާޕަސް ފްލާ އަދި ބޭކިން ޕައުޑާ އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. ގީ ނުވަތަ ބަޓަރުކޮޅު އަޅާ ރަނގަޅަށް އެއްކުރުމަށް ފަހު ކިރުފޮދު އަޅާ މޮޑެލާށެވެ. ދެން ތަށީގެ މަތި ނިވާކޮށްފައި، 10 މިނެޓަށް އައިސަލަމާރީގައި ބަހައްޓާށެވެ. އެއަށްފަހު ހެޔޮވަރު ވަރަކަށް ގްލާބް ޖާމު ގުޅަ ހަދާށެވެ. ގުޅަ ހަދަމުން ދާ ވަރަކަށް މަޑު ގިނީގައި ރަނގަޅު ވަރަކަށް މުށިކުލަ އަރަންދެއް ތެލުލާށެވެ. މިހާ ވަރުގެ ފުއްގަނޑަކުން ހެދޭނީ 10-12 ގުލާބް ޖާމެވެ.

ތެލުލައި ނިމުމުން އުނދުން މައްޗަށް 2 ޖޯޑު ފެން އުދައި ހޫނުކުރާށެވެ. ފެން އެތި ކެކެން ފެށުމުން ހަކުރު އަޅާށެވެ. އެއަށް ފަހު ކާފޫރު ތޮޅީގެ ދެކޮޅު ބުރިކޮށްފައި ހަކުރު ފެންފޮދަށް އަޅާށެވެ. އަދި އިތުރަށް ބޭނުން ވާނަމަ ފޮނިތޮށި ނުވަތަ ކަރަންފޫ ކަހަލަ ބާވަތެއްވެސް ހަކުރު ފެން ފޮދަށް އެޅިދާނެއެވެ.

ދެން ހަކުރު ފެންފޮދު ކެއްކި ތެލީގެ ތެރެއަށް ގްލާބް ޖާމު ކޮޅު އެޅުމަށް ފަހު 30 މިނެޓު ވަންދެއް ބަހައްޓާށެވެ. ގްލާބް ޖާމު އަކީ ފިނިކޮށްލައިގެން ކާލަން މީރު އިންޑިއާގެ ފޮނި ކާއެއްޗެކެވެ.