މިއީ 1960ގެ އަހަރުތަކުގެ ތެރެއިން ގދ. ރަތަފަންދޫގައި ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ.

ރެކިފުތާ ކާލަމުން އޭތީގެ ހަށިގަނޑު ލޮނުގަނޑުގެ ތެރެއަށް ފީނާލި އިރު އޭތީގެ ބޮޑު ނިގޫފަތްގަނޑު ލޮނުގަނޑުމަތީ ޖަހާލިއެވެ. ހަމައެއާއެކު ބިޔަ ރާޅެއް އުފެދުނެވެ. އެރާޅު ރަށާ ދިމާއަށް ދަތުރުކުރިތަން ފެނުމުން ޖައުހަރު ދެއަތުން މުންޑުގަނޑު ކޮށިކުރަމުން ދުއްވައިގަތެވެ. ފައިތިލައިގައި ހުރި ރިހުމާއެކީ ކުޑަ ކޮރެއް ޖަހަމުން ކަހަލަ ގޮތަކަށް އޭނާ ރަށުތެރެއަށް އަރައިގެން ދިޔައީ ރަށުގެ މީހުންތަކަށް ގޮވަމުންނެވެ. ހަޅޭއްލަވާ އަޑުގެ ނެތްތަނަށް ރޮއެ ނަގަމުންނެވެ.

*** *** *** *** *** ***

އިރުއަރައިގެން އައިސް ދުނިޔެ މައްޗަށް މުޅިން އަލިވި އިރު ޖައުހަރުގެ ވާހަކައިގެ ހުރި ތެދު ދޮގެއް ބެލުމައްޓަމައި ކިރިޔާވެސް ހިނގައިގަނެވޭވަރުގެ މީހަކު ނަމަ ތިބީ މޫދު ކައިރިއަށް އެއްވެފައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. ރެކިފުތާއަށް ވީގޮތް ޖައުހަރު ކިޔައިދިނީ ބިރުން ރޮއެ ހޭރެމުންނެވެ. އޭނާގެ ލޯމަތިން އެކުވެރިޔާ މަރުވެގެން ދިޔަ ގޮތް ކިޔައިދިން އިރު އެވާހަކަތައް ގަބޫލުކުރަން ދަތިވެފައި ތިބި މީހުން އެކަމުގެ ހަގީގަތް ބަލަން ބޭނުން ވިއެވެ.

ރަށުގެ ގޮނޑުދޮށަށް ރެކިފުތާ މަސް ބާނަން ދިޔަ ދިމާލަށް އެއްވެފައި ތިބި މީހުން ބަލާލީ ޖައުހަރު އިޝާރާތްކުރި މަހާ ދިމާއަށެވެ. އޭނާ ބުނި ފަދައިން ބޭނި މަސް އޭރު އެ ގޮނޑުދޮޑުގައި އޮތެވެ. ރާޅު ޖަހާ ހިސާބުގައި ހުރި މިނިކަށިފުނީގެ ކައިރީގައި އޮތް ރަތްމަހުގެ ދެލޯ ވަނީ ބޯލާފައެވެ. އެތާ މިނިކަށި ފުންޏެއް ހުރުމުން އެންމެންނަށްވެސް ހައިރާން ކަމެއް ލިބުނެވެ.

އެހިސާބުން ރަށް ނާމާން ވެއްޖެއޭ ކިޔައި އެއްބަޔަކު ބިރުން ރޯން ފެށިއެވެ. ރަށުތެރެއިން އާދަޔާ ހިލާފް އެތައް ކަމެއް މީހުންނަށް ފެނަންމުން ދިޔަ ވާހަކަވެސް އެހިސާބުން ކިޔައިދޭން ފެށިއެވެ. އެތަނަށް އެއްވެފައި ތިބި މީހުންގެ ތެރެއިން ބިރުން ގޮސް ބުއްދި ސަލާމަތުން ތިބީ މަދު ބައެކެވެ. ރަށުތެރޭގައި މީހުންތައް ބިރުން އުޅެން ފެށުމުން އެމީހުންނަށް ހިތްވަރު ދީ ވާހަކަ ދައްކަން ޖައުހަރު މަސައްކަތް ކުރިއެވެ.

ކޮންމެ ދުވަހަކުވެސް އިރު އަރާ އިރު ކޮންމެވެސް އެކެއްގެ ފުރާނަ ވަކިވެގެން ދިޔައެވެ. އެކަމަށް ހައްލެއް ހޯދަން އެމީހުންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތުމުން މާތްﷲ އަށް ވަކީލުކޮށްލައިގެން އެއް ބަޔަކު ތިބީ ހެޔޮ އަމަލުތައް ކުރުން މަތީގައެވެ. ހެނދުނުވެ ރަށުތެރެއަށް އަލިވުމާއެކު ޖައުހަރު އާހިތްވަރަކާއި އެކީ ރަށުތެރެއަށް ނުކުމެއެވެ. މަރުވެފައިވާ މީހުންގެ ހަށިތައް ފެންނަ އިރު އެއިން ކޮންމެ މީހެއްގެ ވެސް ހަށިގަނޑުގެ ބައެއް އޮންނަނީ ކައި ހުސްކޮށްފައެވެ. ކަށިތައް ފެންނާނެ ވަރަށް މީހާގެ މަސްތައް ނޮޅާލާފައި އޮންނަނީ ހިނެވައި ކަފުން ކުރެވޭނެ ވަރަށް ވުރެވެސް ހާލު ދެރަކޮށެވެ.

މުންޑުގަނޑު އަރުވާ ޖަހާލުމަށްފަހު ޖައުހަރު އޭނާގެ މަސައްކަތައިގެން އަވަސްވެގަތެވެ. މިއަދު މަރުވެފައި އޮތީ އެމީހުންގެ ތެރެއިން ދެމީހެކެވެ. ރަށުގައި ތިބި މީހުންތައް ގެއްލި ނޫނީ މަރުވެގެން ގޮސް މީހާރު އެތަނުގައި ތިބީ ހައެއްކަ މީހުންނެވެ. އެމީހުންގެ ތެރެއިން ހަށިގަނޑުގައި ވަރުހުރި ފިރިހެނަކީ ޖައުހަރު ކަމުން އޭނާ މަސައްކަތް ކުރީ ގަސްތަކުތެރޭގައި އޮތް ދެމީހުންގެ ހަށިގަނޑު ވަޅުލެވޭނެ ގޮތެއް ހޯދާށެވެ.

ޖައުހަރުގެ ފައިތިލައިގައި ހަލާކުވެފައިވާ ފާރުކޮޅަށް ބަލާލުމަށްފަހު އޭނާގެ މުންޑުގެ ފަސްބައިން ބައެއް ވީދާލި ފޮތިކޮޅު ދެބަޔަކަށް ބަހާލިއެވެ. އެއް ފޮތިކޮޅު ނިތްކުރިމަތީ އައްސާލީ އެނާގެ ބޮލުގައި ތޫނު ރިހުމެއް ހުރުމުންނެވެ. އެއަށްފަހު ފައިތިލައިގައިވާ ފާރުކޮޅު މަތީގައި އަނެއް ފޮތިކޮޅު އައްސާލިއެވެ.

ފަކީރާ ހިފައިގެން އޭނާ ގޮސް ހުއްޓުނީ މަރުވެފައިވާ ދެމީހުންގެ ހަށިގަނޑު ކައިރިއަށެވެ. އެތަނުން ދުވާ ކުނި ވަހުން ނޯއް ދަމާލެވޭ ވަރެއް ނޫނެވެ. ގަސްތަކުގެ ތެރެއަށް ވަދެ ހުސްކޮށް އޮތް ފަސްގަނޑު މަޑުކޮށް އޮތް ބިމުގައި ފަކީގެ ކޮޅު ޖައްސާލިއެވެ. ފައިތިލަ ފަކީރާގައި ޖައްސާ އޮއްބާލަމުން އެ ފަކީރާ ބިމުގެ ތެރެއަށް ކޮށްޕާލިއެވެ. އެއަށްފަހު އެތަން ކޮންނަމުން ވަޅުގަނޑު ފުންކުރަމުން ދިޔައެވެ.

ހެޔޮވަރުގެ ބޮޑު ވަޅެއް ކޮނެ ނިމުނު އިރު ޖައުހަރު ހުރީ ވެލިން ތަތްތެޅި މީހާ މުޅިން ރަޑަވެފައެވެ. ދެއަތުގައި ހުރި ވެލިތައް އަރުވާ ޖަހާފައި ވާ މުނޑުގައި ކާއްތާލަމުން އޭނާ އަތް ފޮހެލިއެވެ. އަދި ނިތްކުރި މަތީ ހިއްލާފައިވާ ދާތިކިތައް އޭނާގެ އަތުގެ ނުފުށުން ފޮހެލުމަށްފަހު ރުކަކަށް އަރާ އޭނާ ކެނޑި ފަންގަނޑާ ދިމާއަށް އަވަސްވެގަތެވެ.

ފަންގަނޑު ދަމާފައި ގޮސް އޭނާ ހުއްޓުނީ މަރުވެފައިވާ ދެމީހުންގެ ހަށިގަނޑުގެ ގުނަވަންތައް އެކޮށްފައިވާ ހިސާބަށެވެ. އެ ހިސާބުގައި އުދުހެމުން ދިޔަ ކުނަ މެހިތައް ގިނަކަމުންނާއި ދުވާ ވަހުން ނޯއްދަމާލެވޭވަރު ނުވުމުން ޖައުހަރުގެ ނިތްކުރީގައި ބަނދެފައިވާ ފޮތިގަނޑު މޮހެލާ އަނގަމަތި ނިވާ ވާނެހެން ފަހަތަށް ގޮށެއް ޖަހާ އައްސާލިއެވެ. އެއަށްފަހު ފަންގަނޑު މައްޗަށް އެ ހަށިގަނޑުތައް ލައިގެން ކޫއްތަމުން ވަޅުގަނޑު ކޮނުނު ދިމާއަށް މިސްރާބުޖެހީ އެ ހަށިތައް ވަޅުލާށެވެ.

ފަސްއަޅާ ނިންމާލިއިރު ޖައުހަރު ހުރީ ވަރުބަލިވެގެން ގޮސް ލޮޑުވެފައެވެ. ބިންމަތީ ވިއްދައިގެން ހުރި ފަކީރާއިން އަތް ދޫކޮށްލުމަށްފަހު އޭނާ މިސްރާބު ޖެހީ މޫދާ ދިމާއަށެވެ. ކިލައިން ތައްތެޅިފައިވާ އޭނާގެ ހަށިގަނޑު ސާފުކޮށްލުމަށްފަހު އޭނާ އަރާމުކޮށްލަން ހުރީ ބޭނުންވެފައެވެ. ހަވީރުގެ ވަގުތެއްކަމުން އުދަރެހަށް ވެރިވަމުން ދިޔަ ރީތި ކުލަތަކަށް ބަލަން ޖައުހަރު ހުރީ އޭނާގެ ހިތަށް ތަސައްލީއެއް ލިބޭނެ ކަމަށެވެ. ނަމަވެސް އެ ހިތުގައި އަށަގެންފައިވާ ބިރުވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. ރަށް ނާމާންވެ ވިގަނި އަރަނީ ކަމަށް ބުނެ ބިރުން އުޅުނު އެންމެން ކަހަލަ ގޮތަކަށް ވަނީ މި ދުނިޔެއާއި ވަކިވެފައެވެ.

ގޮނޑުދަށުގެ ރާޅު ޖަހާ ހިސާބަށް ޖައުހަރު ފޭބި އިރު އޭނާގެ ސިކުނޑީގައި ވަނީ އެކި ހިޔާލުތައް މަސްހުނި ވާން ފަށާފައެވެ. މި ނާމާންކަމާއި ބިރުވެރިކަމުން ފުރިގެންވާ ދުވަސްތަކަށް ނިމުމެއް އަންނާނެ ދުވަހަކަށް އިންތިޒާރުކޮށްކޮށް ވަރުބަލި ވެއްޖެއެވެ. ރެކިފުތާ ވަކިވެގެން ދިޔަ ދުވަހަށް ފަހު ރަށުތެރެއިން އަލި ގުޅަގުޅަ ފެނުމާއި ބޮޑެތި ރުއްގަސް ކަނޑާ ވެއްޓޭ އަޑު ފައްގަނޑު އިވި ސިހިސިހި ތިބުން ވަނީ އާންމުވެފައެވެ. ރޭގަނޑުވެ އަނދިރިވުމުން އާދަޔާ ހިލާފަށް ރަށުތެރޭ ކާޅު ގިނަވެ އެ ސޮރުމެން ގޮވާ އަޑުން ބޮލަށް ތުރާވެ ނިދުމަށްވެސް އުނދަގޫވެއްޖެއެވެ.

ޖައުހަރުގެ ފައިތިލަ ލޮނުގަނޑުގައި ޖެހުނުކަންވެސް އޭނާއަށް އިހްސާސެއް ނުވިއެވެ. މޫދަށް ފައިބެގެން ގޮސް އެނާގެ ކުޑަހުޅުން މައްޗަށް ދިޔަވަރު އެރުމާއެކު އޭނާއަށް މޫދުގެ ފިނިކަން އިހްސާސްވެ ހުރެވުނު ދިމާއަށް ބަލާލެވުނެވެ. އޭނާއަށް ހައިރާންކަމެއް ލިބުނީ އޭނާގެ ފައިގައި ހުރި ޒަހަމްތަކަށް ތަދުވެ ދިލަ ނެގުން ފަދަ އިހްސާސެއް އޭނާއަށް ނުކުރީމައެވެ. އެހެންކަމުން މޫދަށް އެރި ތާހިރުވުމަށްފަހު އެއްގަމަށް އަރާ ދޮންވެލިގަނޑު މަތީ އޭނާ އިށީނެވެ. އަދި ފައިތިލާއިގައި ހުރި ފާރުގަނޑުގައި އެނާ އެއްސި ފޮތިކޮޅު މޮހެލަމުން ފައިތިލައަށް އެނާ ރަނގަޅަށް ބަލާލިއެވެ.

ފައިތިލަ މަތީގައި ކުރިން ކުޑަކޮށް ހުރި ފާރުކޮޅު ބޮޑުވަމުން އައިސް މިހާރު ވަނީ ފައިގެ އިނގިލިތަކާ ހަމައަށް އައިސްފައެވެ. އޭނާގެ އިނގިލިތަކުން މަޑުމަޑުން އެ ސަރަހައްދުގައި އަތް ޖައްސާލިއެވެ. އަތް ޖައްސާލުމުން ވެސް އޭނާގެ ފައިތިލައިގެ އެ ސަރަހައްދަށް މާ ބޮޑު އިހްސާސެއް ނުވިއެވެ. ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފަހައްޓައިގެން ހުރި ނަމަވެސް އޭނާއަށް އެ ކަރުނަތައް ހިފެހެއްޓޭ ގޮތެއް ނުވިއެވެ. އެނާގެ ހިޔާލުގެ އޮއެވަރު އެހިސާބުން ދަތުރުކުރީ މީގެ ދެތިން މަސް ކުރިއަށެވެ.

*** *** *** *** *** ***

ރަށު ކަތީބާ އެކު ހެލްތު ވޯކަރުގެ އިތުރުން ދެފިރިހެނަކު ގޭގެ މައި ދޮރުން އެތެރެއަށް ވަތް މަންޒަރު ފެނުމާއެކު ޖައުހަރުގެ ހިތް ކުދިކުދިވީ ކަހަލައެވެ. ގާތް އެކުވެރިންނާއި އާއިލާ ދޫކޮށް ދާން ޖެހުމުން ހިތަށް ވެރިވި މޮޅިވެރިކަމާއެކު އެމީހުންގެ ފަހަތުން ދާން ޖައުހަރު ހިނގައިގަތެވެ. ޒަވާޖީ ހަޔާތެއް ފެށުމަށްފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް ބަލިވެއިން އަނބިމީހާ ދޫކޮށް ދާން ޖެހުނީއެވެ. ހަޔާތަށް އަންނަން އުޅޭ އެންމެ އުފާވެރި ދުވަސް ދެކެން ކެތްމަދުވެފައި ހުރި ނަމަވެސް ތަގުދީރުގެ ނިޔާ ދެކިބަލާށެވެ.

ބޭނުންވާނެ ބައެއް ސާމާނުތައް ފޮތިގަނޑަކަށް ލާ ބަނދެގެން ޖައުހަރުގެ އަންހެނުން ހުރީ ގެއިން ނުކުންނަ ދޮރު ކައިރީގައެވެ. ޖައުހަރު ބަލާ އައި މީހުން އެއްފަރާތަކަށް ޖެހިލުމަށްފަހު އޭނާއަށް ތަން ދެއްކީ ކުރިއަށް އަރާށޭ ބުނާ ފަދައިން އަތުގެ އިޝާރާތުންނެވެ. އޭރު އެ މަންޒަރު ބަލަން މަގުމައްޗަށް ނުކުމެ ތިބި ކުޑަބޮޑު އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހިތާމައާއި ނުތަވަސްކަމެވެ.

އަންހެނުންގެ މޫނަށް ފަހުފަހަރަށް ޖައުހަރު ބަލާލިއިރު ފެންކަޅިވެފައިވާ އެމޫނުން ފެންނަނީ ހިތާމައިގެ ކުލަވަރުތަކެވެ. ގަޔަށް ދޫކޮށް ލާފައިވާ ލިބާހުގައި ހުރި އިރުވެސް ޖައުހަރުގެ އަންހެނުންގެ ބޮޑުވެފައިވާ ބަނޑު ފާޅުވާނެހެން އެނގެން ހުއްޓެވެ. ސަލާމް ކޮށްލުމަށްފަހު އޭނާ ހިނގައިގަތީ މަގުމަތީ ތިބި އެއްވެސް މީހަކާއި ހަތަރު ކަޅި ހަމަކޮށްލުމެއް ނެތިއެވެ. ފަސްދީ ހިނގައިގަތްއިރު އަޑުފަޅާފައި އޭނާގެ އަންހެނުން ރޮއެގަތް އަޑު އިވި ޖައުހަރުގެ ލަގޮނޑީގައި ރިއްސާލިއެވެ.

ރަށަކީ ކުޑަ ރަށެއްކަމުން މާ ދުރަށް ހިނގަން ނުޖެހުނު ނަމަވެސް ރަށުގައި އެއްފަރާތުގައި ވަކިކޮށްފައިވާ ސަރަހައްދަށް ދެވުނު އިރު ޖައުހަރު ހުރީ ވަރުބަލިވެފައެވެ. ކިހިލިފަތް ދަށަށް ޖަހައިގެން ހުރި ސާމާނު ގަހެއްގެ ބުޑުގައި ބެހެއްޓުމަށްފަހު ވަށައިގެންވާ މާހައުލަށް އޭނާ ނަޒަރު ހިންގާލީ ނޭފަތަށް ގޮތެއް ހަދާލަމުންނެވެ.

ޖެހެމުން އައި މަޑު ވައިރޯޅިތަކާއެކު ދޭތެރެއަކުން ދުވަމުން އައި ކުނި ވަސްތަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ އޭނާ ހިނގައިގަތީ ރުކެއްގެ ކައިރިން ވަށައިގެން ވަރުބަލި ފިލުވާލަން ތިބި މީހުންނާ ދިމާއަށެވެ. އެހިސާބަށް ދެވުމުން ކުނިވަސް އަރާ ވަރު އިތުރުވިއެވެ. އެއިން ކޮންމެ މީހެއްގެ ހަށިގަނޑުންވެސް އެކިވަރުގެ ޒަހަމްތައް ފެންނަން ހުއްޓެވެ. އޭގެތެރެއިން ބައެއް މީހުންގެ ފާރުގަނޑުތަކުގައި ފުޅައަޅައިގެން މަސްގަނޑު ކަމުން ގެންދާއިރު އެމީހުން ތިބީ އެ ފަނިތައްވެސް ނަގާނެހާ ހިތްވަރު ނެތިފައެވެ.

ކިތަންމެ ހިތްވަރުކޮށްގެން ހުރި ނަމަވެސް ޖައުހަރުގެ ލޮލަށް ބަރުވަމުން ދިޔަ ކަރުނަތައް އެސްފިޔަތައް ފޫ ދުއްވާލުމަށްފަހު ކޯތާފަތްމައްޗަށް ފައިބައިގަތީ ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ވެސް ދުވަސްތައް ގުނަން ޖެހޭނީ އެގޮތުގައިކަން އެނގުމުންނެވެ. ނަމަވެސް އުންމީދު ގެއްލުވާލާކަށް އޭނާ ބޭނުމެއް ނުވިއެވެ. މާތްﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެކަމަށް ބުނެ އެމީހުންނަށް ޖައުހަރު ހިތްވަރު ދޭން މަސައްކަތް ކުރިއެވެ.

ނަމަވެސް އޭގެތެރެއިން ގިނަ ބައެއްގެ ހިތުގައި އޭރުވަނީ ހެއްދެވި ފަރާތާއި ދޭތެރޭވެސް ޝައްކު އުފެދިފައެވެ. އުންމީދު ނަގާ ނުލުމަށާއި މި ނޫން ދުވަހެއްވެސް އޮތް ކަން ތަކުރާރުކޮށް އެމީހުންނަށް ހަނދާން ކޮށްދިނުމަށްފަހު ހަށިގަނޑުގައި އަޅަމުން އެދާ ކޮންމެ ވޭނަކަށް ބޮޑު ފާފައެއް ފުއްސަވާނެކަން ބުނެދޭން އޭނާ މަސައްކަތް ކުރިއެވެ. އޭގެ ނަތީޖާއަކަށް ވީ އޭގެތެރެއިން ގިނަ ބަޔަކު މޫދަށް އެރި ހިނައި ތާހިރުވުމަށްފަހު ވުޟޫ ކޮށްގެން އެ ވޭނުން ސަލާމަތްކޮށްދެއްވުމަށް އެދި ދެރަކުއަތުގެ ނަމާދެއް ކުރުމެވެ. ކިރިޔާވެސް ކެރި ކުޅަދާނަވެގެންވީ މީހެއްނަމަ އެ ނަމާދުގައި ބައިވެރި ވިއެވެ. އެކަމުން ޖައުހަރުގެ ހިތަށް ވެރިވެގެން ދިޔައީ ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެކެވެ.

*** *** *** *** *** ***

ސިހިފައި ޖައުހަރަށް ހަމަބިމަށް އާދެވުނީ ރަތަފަންދޫ ކައިރިން ފެންނަން އޮތް ފަޅުރަށް ފައްޗާ ދިމާލުން ވިދުވަރެއް ފެނުމުންނެވެ. އޭގެތެރެއިން އެންމެ ކައިރިން ފެންނަން އޮތް ފަޅުރަށް ދޫކޮށް ދެވަނައަށް އޮތް ކުރެއްދޫއާ ދިމާލުން ބޮޑު ވިލާގަނޑެއް ފެނުމުން ޖައުހަރު ދެލޯ ބޮޑުކޮށްލިއެވެ. އިން ތަނުން ތެދުވެ އޭނާގެ ފަޔަށް ލެވުނުހާ ބާރެއްލާ ރަށުތެރެއަށް ދާން ފިޔަވަޅު އަވަސްކޮށްލީ މިރޭވެސް ދެން ކަންތަކާ ޖެހުނީކަން އެނގުމުންނެވެ. ތެތް މުންޑުގަނޑުގައި ހަރުލާފައިވާ ދޮންވެލިތައް ފޮޅަމުން އޭނާ ކުރިއަށް ދާން ހިނގައިގަތް ވަގުތު ޖައުހަރުގެ ފިޔަވަޅު އެ ހުރިތަނަށް މަޑުކޮށްލެވުނީ އޭނާއަށް ގަސްތަކުގެ ތެރެއިން ހިލަމެއް ވީހެން ހީވުމުންނެވެ.

މިރެއަކީ އޭނާގެ ފަހު ދުވަސްކަމަށް އޭނާ ނިންމިއެވެ. ދުވެފައި ދާން އުޅެފައިވެސް ޖައުހަރު އެ ހުރި ފިޔަވަޅު މައްޗަށް ހުއްޓުނެވެ. އޭނާގެ ހިޔާލު ބަދަލު ކޮށްލީ ދެންތިބި ހައެއްކަ މީހުންނާ ދޭތެރޭ ވިސްނާލަމުންނެވެ. އެތަނުގައި ތިބީ އުމުރުން ދުވަސްވެފައި ތިބި މީހުންނާއި ޖައުހަރަށް ވުރެ ބަލިހާލަތު ދެރަކޮށް ތިބި މީހުން ކަމުން އެމީހުންނަށް ރަށުތެރެއަށް އަރައިގެން އެ އުޅޭ ވިގަންޏާ ކުރިމަތިލާނެ ހާ ހިތްވަރެއް ނުހުންނާނެކަން ޖައުހަރަށް އެނގުނެވެ. އެހެންކަމުން އޭނާ ގަސްތު ކުރީ މިއަދު ދޭތިން އެކައްޗަށް ހިފާ އެ ފުރޭތައާ ކުރިމަތި ލާށެވެ.

އަނބުރާ އައި ކޮޅަށް ޖައުހަރު ހިނގައިގަތީ އާ އަޒުމަކާއެކުގައެވެ. ދިޔަ މަގުމަތީގައި އޭނާ ބިންމައްޗަށް ދޫކޮށްލާފައި ދިޔަ ފަކީރާ ނަގާ އަތަށް ހެޔޮވަރުކޮށްލިއެވެ. މޫދާ ހަމައަށް ގޮސް އޭނާ ހުއްޓުމަށްފަހު ކުރެއްދޫއާ ދިމާއަށް ބަލަހައްޓައިގެން ހުރި އިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ކަޅުވިލާތަކުން ދުނިޔެމަތި ބަނަކުރަމުން ދިޔައިރު ރަށުތެރެއަށް އަނދިރިކަން ފެތުރެމުން ދިޔައެވެ.

އަތުގައި އޮތް ފަކީރާ މައްޗަށް އުފުލާލަމުން ޖައުހަރު އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. ކަށިން ހިތްވަރުނެރި އޭނާ ބާރަށް ވާހަކަ ދައްކަމުން ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. "އަހަފޭ... މަ ކަންނަ... ބަލަންނެން ތަޅްތޯ މަލްތޯ ގަދަވިއެއްނު... ނިކަން އަހަފޭ ތަޅް ކެރެންފަހޭ..." (އާދޭ... އަހަރެން ކާލަން... ބަލާލާނަމޭ ކަލޭތޯ އަހަރެންތޯ ގަދަވާނީ... ނިކަން އާދެބަލަ ކެރެންޏާ...)

މުޅި ފަޒާގެ ތެރޭގައި ޖައުހަރުގެ ހަޅޭކުގެ އަޑު ގުގުމާލިއެވެ. ހަރުއަޑުން ބާރުލަމުން ވާހަކަ ދެއްކުމުގެ ސަބަބުން ޖައުހަރުގެ އަރުތެރެ ހިކިގެން ގޮސް ކޮށި އެރިއެވެ. ކެއްސަމުން ދިޔަ ޖައުހަރު ގުދުވެ ހަމައަށް ނޭވާލާން މަސައްކަތް ކުރަމުން ދިޔަ ވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ ހިކިފައިވާ ފަތްތައް މުގުރެމުން ދިޔަ އަޑެވެ. ފިޔަވަޅުތަކެއް އަޅަމުން އައި އަޑެވެ. އެ އަޑު އަންނަމުން ދިޔައީ ގަސްތަކުގެ ތެރެއިންކަން އެނގުމުން ޖައުހަރު އެ ދިމާއަށް އެނބުރިލީ ދެއަތުން ފަކީރާގައި ބާރަށް ހިފަހައްޓާލަމުންނެވެ.

ބޯ ޖަންގަލީގެ ގަސްތައް ހާވަލުމަށްފަހު ނުކުމެގެން އައި މީހުންތައް ފެނިފައި ޖައުހަރުގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ރޯވިއެވެ. އޭގެތެރޭގައި ރަށު ކަތީބު ހުރި އިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އަތުގައި އޮތް ފަކީރާ ދޫކޮށްލުމަށްފަހު ޖައުހަރު ކުރިއަށް ޖެހިލަމުން ކަތީބު އެތަނަށް އެވަގުތު އައީ ކީއްވެގެންތޯ ސުވާލުކޮށްލިއެވެ.

މާލެއިން ޑޮކްޓަރުންގެ ޓީމެއް އައިސް ތިބީ ޖުޒާމް ބައްޔަށް ދާއިމީ ފަރުވާއެއް ހިފައިގެން ކަމަށް ބުނެ ޖައުހަރުގެ ކޮނޑުގައި ކަތީބު ހިފަހައްޓާލިއެވެ. އުފަލުން ގޮސް ރޮއެގަތުމަށްފަހު ކަކޫ ޖަހާ އެހުރި ތަނަށް ޖައުހަރު ތިރިވިއެވެ. އަދި ޝުކުރުގެ ސަޖިދައެއް ޖެހިއެވެ. އެއަށް ފަހު އެ ސަރަހައްދުގައި ކަންތައްތައް ވަމުން ދިޔަ ގޮތް ތަފްސީލުކޮށް ކަތީބަށް ކިޔައިދިނެވެ. ނަސީބު ރަނގަޅުކަމުން އެ ދުވަސްކޮޅަކީ ދަންނަކަލޭފާނު އެ ރަށުގައި ހުރި ވަގުތެއް ކަމުން ރަށް ރައްކާތެރިކުރުމައްޓަކައި ފިޔަވަޅު އެޅުމަށް އަވަހަށް މަސައްކަތް ފެށިއެވެ.

ޖައުހަރު އެނބުރި ރަށަށް ދިޔައިރު އޭނާގެ އަންހެނުންނަށް ވަނީ ކުޑަ ފިރިހެން ކުއްޖެއް ވިހާފައެވެ. ޖައުހަރު އަންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް އޭނާގެ އަންހެނުންނަށް އުފަލުން ރޮވުނެވެ. އުފަލުން ޖައުހަރު އައިސް އެނދުމަތީ އޮތް އޭނާގެ އަނހެނުންގެ ބޮލުގައި ފިރުމާލަމުން އޭނާގެ މަގަތުގައި ނިދާފައި އޮތް ތުއްތު ކުއްޖާގެ މޫނަށް ބަލާލިއެވެ. އެ މޫނު ފެނުމާއެކު ޖައުހަރުގެ ހިތުން އޭނާ ހޭދަކުރި ވޭނީ ހިތި ދުވަސްތައްވެސް ފިލައިގެން ދިޔަ ކަހަލައެވެ.

ރަށް ނާމަންވި ކަމަށް ވަނީ ޖުޒާމް ބަލި ޖެހިފައިވާ މީހުން ގެންގޮސް އެކަހެރި ކުރުމާއެކު އެ ހިސާބުގައި މަރުވަމުން ދިޔަ މީހުންގެ ގުނަވަންތައް ގިރިފައިވާތީ ހިނެވޭނެ ގޮތެއް ނެތި އެކި ދިމަދިމާލުގައި ވަޅުލުމުގެ ސަބަބުންނެވެ. އެހެންކަމުން މުޅިރަށުގައި ދުންމަތުރާ ކިޔަވާ ހެދުމަށްފަހު އެރަށަށް ދިމާވި ނާމާންކަމުން ރައްޔިތުން ސަލާމަތްކުރެވުނީ ދަންނަކަލޭފާނުގެ މިންނަތް މަސައްކަތުންނެވެ.

(ނިމުނީ)