އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީ މަރާލި އުމުރުން ދުވަސްވީ މީހާގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވާލަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އއ. މާޅޮހުގައި މަރާލާފައި އޮއްވާ ފެނުނީ އުމުރުން 65 އަހަރުގެ އެ ރަށު އޯކިޑްމާގެ އަބްދުއްރަހްމާން އާދަމް އެވެ.

މި މައްސަލައިގައި ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވާ އިރު، ފުލުހުން ބުނީ މި މަހުގެ 21 ވަނަ ދުވަހު އޮޓޮޕްސީ ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާގެ ތިރުވަނަންތަޕުރަމް އަށް ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.

އަބްދުއްރަހްމާން އަށް ހަމަލާދީފައި ވަނީ އޭނާ ނިދާފައި އޮއްވައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އަބްދުއްރަހްމާން ބޮލަށް ދިން ހަމަލާތަކުގެ ސަބަބުން ބޮލުގެ ބޮޑުބައި ޗިސްވެފައިވާ އިރު، އޭނާ މަރަށް ތެޅެނިކޮށް ފެނިފައި ވަނީ އޭނާގެ އަންހެނުންނަށެވެ. އޭނާގެ ތިން ދަރިން ތިބި އިރު އޭރު އެއްވެސް ދަރިއަކު ރަށުގައި ނެތެވެ.

މި މައްސަލައާއި ގުޅިގެން މާލެއިން ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސް މި މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ފުލުހުން ބުނީ އެ ރަށަށް އަރާ ފޭބުން މަނާކޮށްފައި ނުވާ ކަމަށާއި އެހެން ނަމަވެސް ރަށަށް އަރާ ފައިބާ މީހުން މޮނީޓާ ކުރަމުން އަންނަ ކަމަށެވެ.

އަބްދުއްރަހްމާން މަރުވި ސަބަބު ދެނެގަންނަން ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައިވާ އިރު އާއިލާ ބުނެފައި ވަނީ އޮޓޮޕްސީ ހެދުމުގެ ބަދަލުގައި ހަށިގަނޑު އަވަހަށް ވަޅުލާން ބޭނުންވާ ކަމަށެވެ.