ސްޓޭޓް ޓްރޭޑިން އޯގަ ނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ، އަލުވި އަދި ބިސް ރޯދައާ ދިމާކޮށް އަގުހެޔޮކޮށްފިއެވެ.
އެސްޓީއޯ އިން މިއަދު ބުނީ، އެ ކުންފުނީގެ ފިހާރަތަކުން ރީޓޭލްކޮށް ފިޔާ ކިލޯއެއް ހަތް ރުފިޔާއަށް، އަލުވި ކިލޯއެއް އަށް ރުފިޔާ 11 ލާރިއަށް އަދި ބިހެއް އެއް ރުފިޔާ 50 ލާރިއަށް ވިއްކާނެ ކަމަށެވެ.
ސުޕަމާޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް ވިއްކާނީ 140 ރުފިޔާއަށް، އަލުވި ބަސްތާއެއް ވިއްކާނީ 180 ރުފިޔާއަށްއަދި ބިސް ކޭހެއް ވިއްކާނީ 270 ރުފިޔާ ކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެއިތުރުން، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮށް 25 ބަސްތާ އެއްފަހަރާ ނަގާ ފަރާތްތަކަށް ފިޔާ ބަސްތާއެއް 130 ރުފިޔާއަށް އަދި އަލުވި ބަސްތާއެއް 170 ރުފިޔާއަށް ވިއްކާ އިރު 25 ބިސް ކޭސް ނަގާ ފަރާތަތަކަށް ބިސް ކޭހެއް ވިއްކާނީ 260 ރުފިޔާއަށް ކަމަށްވެސް އެކުންފުނިން ބުނެއެވެ.
އެސްޓީއޯއިން އިތުރަށް ބުނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގައި މި ބާވަތްތައް އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތަށް މިފަހަރު ވެސް އިންތިޒާމުކޮށްފައިވާ ކަމަށާއި މިއަދުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖުން ހެނދުނު 8:30 އިން ހަވީރު 5:00 އަށް ފިޔާ އާއި އަލުއްވާއި ބިސް ލިބޭނެ ކަމަށެވެ.
ރޯދަމަސް ފެށެން 20 ދުވަހަށް ވެފައިވާއިރު ފިޔާ އަލުވި ބިސް އަގުހެޔޮކޮށްފައި އެސްޓީއޯއިން ވާއިރު މިމަހުގެ އެކަކުން ފެށިގެން މާލެއާއި އެއް އަގެއްގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކާޑު ގަންނަން ލިބޭނެގޮތް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހަނޑޫ ބަސްތާއެއް 199 ރުފިޔާއަށް، ހަކުރު ބަސްތާއެއް 200 ރުފިޔާއަށް އަދި ގޮދަން ފުށް ބަސްތާއެއް 149 ރުފިޔާއަށް ރާއްޖޭގެ އެ ކުންފުނީގެ އެޖެންޓުން ހަނަޖެހިފައިވާ ރަށްތަކުން ލިބެން ހުންނާނެއެވެ. އެސްޓީއޯއިން ދަނީ އެޖެންޓުން ނުލިބި ހުރި ރަށްރަށުން އެޖެންޓުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.