ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭހެން 4 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީއިން ބުނީ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަމުގެ ހެކިގަރީނާ އޭސީސީ އަދި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައި ވަނީ:

  • ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން (މއ. އެވާލާސްޓް)
  • ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު އާރިފް (ހއ.އިހަވަންދޫ، ނެދުންގެ)
  • ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވްގެ ޟިރުއާމް ވަހީދު (މއ.ވިރާހް)
  • ހައުސިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލްގެ އަހްމަދު ވިޝާން ނަސީމް ( މއ.އިހާދޫ)

އޭސީސީއިން ބުނީ މި މައްސަލައިގައި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނަޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށް ފިޔަވައި އެހެން އިތުރު ކުށްތައް މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ އެ ކުށްތައް ތަހުގީގުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭސީސީ އަދި ފުލުހުން ގުޅިގެން ކުރަމުންދާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.