ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ ވީހާވެސް ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިރާގު ފިކްސްޑް ބްރޯޑް ބޭންޑްގެ ހިދުމަތް، 75 ޕަސެންޓް ގޭބިސީއަށް ފޯރުކޮށްދިނުން ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް ކޮމިއުނިކޭޝަންގެ ހިދުމަތްތައް މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފުޅާ ކުރުން ކަމުގައެވެ.

މިރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ވަކި ވަކި ރައްތަކެއްގެ ގޮތުގައި އޮތް ރާއްޖެއަށް ފެންވަރު ރަނގަޅު މުއާސަލާތީ ހިދުމަތެއް ފޯރު ކޮށްދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެން ނަމަވެސް އެ ގޮންޖެހުންތަކާ އެކުވެސް ދިރާގުން އަންނަނީ އެންމެ ފުރިހަމައަށް އެ ހިދުމަތްތައް ފޯރު ކޮށްދެމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ރާއްޖެ ފަދަ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވޭ ގައުމެއްގެ، މުޅި އާބާދީއަށް އެއް ފެންވަރެއްގައި މުވާސަލާތީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ، ވަރަށް ބޮޑު ގޮންޖެހުމެއް. އެ ގޮންޖެހުންތަކާއެކު ވެސް، ދިރާގުން އެ އަންނަނީ، ޒަމާނީ މުވާސަލާތީ ލުއިފަސޭހަކަމާއެކު، އެންމެ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދެމުން" ރައީސް ވިދާޅުވިއެވެ.

ރައީސް މިރޭ ފާހަގަ ކުރެއްވި ގޮތުގައި، ރައްޔިތުން އެދޭ ހަލުވި މިނުގައި ހިދުމަތްތައް ފޯރު ކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެކަމަށްޓަކާ ސަރުކާރު މުއައްސަސާ ތަކުން ފޯރު ކޯށްދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ވެސް މިހާރު ސަރުކާރުން ކުރަމުން ދާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ރައްޔިތުން އުންމީދުކުރާ ހަލުވިމިނުގައި ހިދުމަތްތައް ދިނުމަށްޓަކައި، ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ވެސް، މިއަންނަނީ މަސައްކަތް ކުރަމުން. ސަރުކާރުގެ އެ ސިޔާސަތު ތަންފީޒުވެގެންދާއިރު، ވީހާވެސް ގިނަ ރަށްރަށަށް، ހައި ސްޕީޑް އިންޓަރނެޓްގެ ހިދުމަތް ލިބި، ޑިޖިޓަލް ހިދުމަތުގެ ފަރަގު މިހާރަށްވުރެވެސް ކުޑަވެގެންދާނެ." ރައީސް ވިދާޅުވިއެވެ.

މިރޭގެ ހަފްލާފައި ރައީސް ސޯލިހުވަނީ ދިރާގް ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް ރާއްޖޭގެ 75 ޕަސެންޓަށް ފޯރުކޮށްދިނުން ލޯންޗް ކޮށްދެއްވާފައެވެ.

ދިރާގުން މިހާރު ވަނީ މާލެ ހިމެނޭނެހެން ރާއްޖޭގެ އާބާދީ އެންމެ ބޮޑެތި 58 ރަށުން ހައިސްޕީޑް އިންޓަނެޓް ގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސާފައެވެ.