ކުރީގެ ރައީސް އަބްދުﷲ ޔާމީނާ، އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

މިއަދު ސޯލިހް އާއި ނަޝީދު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުވުމުގައި ޔާމީނާއެކު މަސައްކަތް ކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ސޯލިހް ވިދާޅުވީ ޔާމީނާ އެކުވެސް މަސައްކަތްކުރެވޭނެ ކަމަށެވެ. މިހާރު ގައުމު މި އޮތް ހާލަތުން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރިކަން ފާހަގަކުރައްވަމުން ސޯލިހް އާއި ނަޝީދުވެސް ވަނީ އެ ކަންތައްތައް ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް މީގެ ތެރެއަށް އައުމަކީ އެދޭކަމެއްކަން ހާމަކުރައްވާފައެވެ. އަދި އެ މަނިކުފާނާއެކު މަސައްކަތް ކުރެވޭނެ ގޮތެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާކަމަށްވެސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ، އެ ދެބޭފުޅުން ކުރެއްވި މަޝްވަރާގެ ތެރޭގައި ހިމެނޭ އެއްކަމަކީ މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރީގައި ވެރިކަން ކުރައްވާފައިވާ ރައީސުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުން ކަމަށެވެ. ހަމައެއާއެކު ޕާޓީ ހަރުދަނާކޮށް މިހާރަށް ވުރެ އެމްޑީޕީގެ ޕާޓްނާޝިޕް ވަރުގަދަކޮށް ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ނަޝީދާއެކު މަސައްކަތް ކުރައްވަން ނިންމަވާފައިވާ ކަމަށް ސޯލިހް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، ސީޔާސީ މައިދާނުގައި ސިޔާސީ ޕާޓީތައް އުފެދިގެން އައި އިރު އުފެދިގެން އައި ގިނަ ޕާޓީތައް މިއަދާ ހަމައަށް އައި އިރު ވަނީ ރޫޅިފައި ކަމަށާއި ނަމަވެސް އެމްޑީޕީއަކީ ރޫލޫނަ ނުދީ ހިފެހެއްޓިފައި އޮތް ޕާޓީ ކަމަށެވެ.