އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ މިއީ އެމްޑީޕީން އެންމެ ގިނަ ގޮނޑި ނަގާނެ ފަހަރު ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ސޯލިހް މިހެން ވިދާޅުވެފައި މި ވަނީ ލޯކްލަ ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުމަށް ފަހު މިއަދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ، ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް އެ ޕާޓީއަށް ސަރުކާރުން ދަތިތަކެއް ކުރިމަތި ކުރުވާ ކަމަށާއި ނަމަވެސް ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ މިއީ އެމްޑީޕީން ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ ގޮނޑި އެމްޑީޕީން ނަގާނެ ފަހަރު ކަމަށް ސޯލިހް ވިދާޅުވިއެވެ.
ގައުމު ހަމަ މަގަަށް އެޅުވުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަން ހާމަކުރައްވަމުން ސޯލިހް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަންޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ އެއީ ކަމަށެވެ. ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން ދައުލަތުގެ ބަޖެޓުން ބައެއް ކައުންސިލް ތަކަށް ފައިސާ ދޫކުރަންޖެހޭ އިރު ބާރުތައް ދޫކޮށްލައި މާލީ ތަނަވަސްކަން ލިބޭ ގޮތްތައް ހަދަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ސޯލިހް ވިދާޅުވިއެވެ. ރަށްރަށަށް މިއަށް ވުރެ އަވަހަށް ތަރައްގީ އަންނާނީ އެހެން ހަދައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށާފައި ވަނީ މެންދުރު ފަހު 2:30 ގައެވެ. 8:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިންތިހާބުގެ ވޯޓުލުން މިހާރު ނިމިފައިވާ އިރު، ގިނަ ވޯޓު ފޮށިތައް ވަނީ މިހާރު ބަންދުކުރަން ފަށާފައެވެ.
އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ކައުންސިލް އިންތިހާބަށް 510 އަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ އިރު، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. މި އިންތިހާބުގައި ޖުމްލަ 65 ވޯޓު ފޮށި ބަހައްޓާފައިވާ އިރު، މާލޭގައި އަތޮޅުތަކަށް ހާއްސަކޮށްގެން 14 ފޮއްޓެއް އަދި މާލެއިން ބޭރުގައި 34 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
މިހާރު ވޯޓް ފޮށިތައް ބަންދުކުރަމުން އަންނަ އިރު، ދެން ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް ފަށައި ވަގުތީ ނަތީޖާ އިއުލާން ކުރުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.
