ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ވެވޭ ދެބަސްވުންތަކުގައި ދުވަހަކުވެސް އެކުގައި މަސައްކަތް ނުކުރެވޭހާ ދުރަށް ޖެހިވަޑައިނުގަންނަވާ ކަމަށާއި އެކުގައި މަސައްކަތް ކޮށްގެން އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް އިސްކޮށްގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރެއްވުމަށްފަހު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.
އެގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެ ދެބޭފުޅުން ކުރެއްވި މަޝްވަރާގެ ތެރޭގައި ހިމެނޭ އެއްކަމަކީ މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރީގައި ވެރިކަން ކުރައްވާފައިވާ ރައީސުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުން ކަމަށެވެ. ހަމައެއާއެކު ޕާޓީ ހަރުދަނާކޮށް މިހާރަށް ވުރެ އެމްޑީޕީގެ ޕާޓްނާޝިޕް ވަރުގަދަކޮށް ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ނަޝީދާއެކު މަސައްކަތް ކުރައްވަން ނިންމަވާފައިވާ ކަމަށް ސޯލިހް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ސީޔާސީ މައިދާނުގައި ސިޔާސީ ޕާޓީތައް އުފެދިގެން އައި އިރު އުފެދިގެން އައި ގިނަ ޕާޓީތައް މިއަދާ ހަމައަށް އައި އިރު ވަނީ ރޫޅިފައި ކަމަށާއި ނަމަވެސް އެމްޑީޕީއަކީ ރޫލޫނަ ނުދީ ހިފެހެއްޓިފައި އޮތް ޕާޓީ ކަމަށެވެ. އެމްޑީޕީ ނުރޫލީ އޮތް ސަބަބު ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ އެއީ އެ ޕާޓީގެ އެތެރޭގެ އިންތިޒާމްތައް ރޭވިފައިވާ ގޮތުން ކަމަށެވެ.
އެ މަނިކުފާނާއި ރައީސް ސޯލިހަކީ އެއްވެސް އިރެއްގައި ދުރު ދެ ބޭފުޅުން ނޫން ކަމަށާއި ބައެއް ފަހަރު ދެބަސްވާ ފަހަރުތައް އައި ކަމުގައި ވީ ނަމަވެސް މާބޮޑު ދެބަވުންތަކުގެ ތެރޭގައި މާ ގިނަ ދުވަސް ވަން ދެން ނުތިއްބެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެ ދެބޭފުޅުންގެ ގުޅުމާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ ހިޔާލުތަފާތުވުން އަބަދުވެސް ހުންނަ ކަމަށާއި އެއީ އިއްޔެއަކު މިއަދަކު ވީ ކަމެއް ނޫން ކަމަށެވެ. ހިޔާލުތަފާތުވުންތަކާ އެކުގައި ވެސް އަބަދުވެސް ކުރިއަށް ދެވޭނެ މަގު ހޯއްދަވަމުން ގެންދަވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ނުކުރައްވާ ކަމަށާއި މި ވަގުތު މަޝްވަރާ ކުރެވުނީ ޕާޓީގެ މުސްތަގްބަލާ މެދު ކަމަށެވެ.
އެކުގައި މަސައްކަތް ކޮށްގެން ކުރިއަށް ދިއުމާ މެދު މަޝްވަރާ ކުރެއްވި ކަމަށާއި އަބަދުވެސް އިސްކުރާނީ ޕާޓީއަށް އެންމެ ރަނގަޅުގޮތް ކަމަށް ސޯލިހް ވިދާޅުވިއެވެ. އެއްވެސް އިރަކު އެ ދެބޭފުޅުން އެކުގައި މަސައްކަތް ނުކުރެވޭހާ ދުރަށް ޖެހިވަޑައިނުގަންނަވާ ކަމަށް ސޯލިހް ވިދާޅުވިއެވެ.
