ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބުނު ފަރާތްތަަކަށް ފުލެޓް ހަވާލުކުރެވޭނީ، އެ ފުލެޓް ހައްގުވެރިތޯ ބެލުމަށްފަހުގައި ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު މަޖިލީހަށް ހާޒިރުވެ، މާފަންނު މެދު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ، ފުލެޓްގެ މައްސަލަ ބަލާ ހާއްސަ ކޮމިޓީން އެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ފުލެޓްތައް ދީފައި ވަނީ ހައްގުވެރިންނަށްތޯ އެ ކޮމިޓީން ބަލާނެ ކަމަށާއި، ހައްގު ފަރާތް ނޫން އެހެން ބަޔަކަށް ފުލެޓް ނުދޭނެ ކަަމަށެވެ.

"ލިސްޓުގައި ލިސްޓް ކުރެވިފައި އޮތް ނަމަވެސް، މިހާރު އެދަނީ އެ ލިސްޓްގައި ހުރި އަދަދުތައް ރަނގަޅުތޯ، އޭގެ ހައްގުވެރި ފަރާތްތަކަށްތޯ ބަލަމުން. އެހެންކަމުން ހައްގުވެރި ފަރާތަށް ފުލެޓް ލިބުމުގެ ފުރުސަތު އަޅުގަނޑުމެން ހޯދަދޭނެ ވާހަކަ ދަންނަވަން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެން އޮފީހަށް ނުކުންނެވި އިރު، ފުލެޓްތަކުގެ ފޯމްތައް ހުރީ އޮފީސްތެރެއަށް އުކާލާފައި ކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހިޔާ މަޝްރޫއު އިއުލާންކުރެވި މި މަޝްރޫއުގެ ދަށުން އިއުލާން ކުރުމަށް ހަމަޖެހިފައިވާ ފުލެޓްތަކަށް އެދި ފޯމް ހުށަހަޅަން ދިން މުއްދަތު ހުޅުވުމާއެކު ފޯމްތައް ދިރާސާ ކުރުމަށް ހޭދަވި ވަގުތު ކުރުވުމާއި، ފުލެޓް ލިބުނު ފަރާތްތައް އިއުލާން ކުރެވުނު އިރު އާންމުކޮށްފައިވާ މައުލޫމާތު މަދުވުމާއި، އަދި ޝަކުވާ ހުށަހެޅުމުގެ މުއްދަތު ކުރުވުމުން މިކަމަށް އެދި ހުށަހެޅި މީހުންގެ ނިސްބަތަށް ބަލާ ވަރަށް ގިނަ ޝަކުވާ މިނިސްޓްރީއަށް ލިބިވަޑައިގެންނެވި ކަމަށެވެ.

"މިކަމުގައި މިހާ ކަންބޮޑުވުމެއް އޮތުމާއެކު ނޮވެމްބަރު 17، 2018 ގައި ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި މައްސަލައިގައި އިންސާފު ގާއިމްކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ރައީސް އޮފީހުގައި ވަނީ މިކަމަށް ލަފާ ދެއްވުމަށް ހާއްސަ ކޮމިޓީއެއް އުފައްދަވާފައި" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފުލެޓްގެ މައްސަލަ ބަލާ ކޮމިޓީގެ މަސައްކަތް މިހާރު ފެށި މަސައްކަތާއި ގުޅުންހުރި ހައުސިން މިނިސްޓްރީގައި ހުރި ލިޔެކިޔުންތަކާއި ކޮމިޓީން ހަވާލުވެ ގިނަ ލިޔެ ކިޔުންތައް ބަލާފައިވާ ކަމަށެވެ. އަދި ރައީސްގެ އެންމެ ބޮޑު ވައުދަކީ ފުލެޓް ލިބެން ޖެހޭ ހައްގުވެރިންނަށް އެ ފުލެޓް ލިބެންޖެހޭކަން ކަށަވަރު ކުރުން ކަމަށްވާތީ މިނިސްޓްރީން މިފަދަ މަޝްރޫއު ހިންގުމަށް އެ ކޮމިޓީން ދޭ ރިކަމެންޑޭޝަނާ އެއްގޮތަށް ކަންކަން އިންތިޒާމް ކުރަމުން ގެންދާނެ ކަަމަށެވެ.

މީގެ އިތުރުން މިފަދަ މަޝްރޫއުތަކުގެ މައުލޫމާތު ހާމަކަން ބޮޑުގޮތެއްގައި އާންމުކުރުމަށްފަހު، ހުށަހެޅޭ ޝަކުވާތަކުގެ އަލީގައި އިންސާފު ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.